ޚަބަރު

މިދިޔަ ހަފްތާގައި ސްޓިކާ ޖެހި އުޅަނދުތަކުގެ ޢަދަދު ދަށަށް!


ޤަވާއިދާ ހިލާފަށް ޕާކުކުރުމުން މިދިޔަ ހަފްތާގައި ސްޓިކާ ޖެހި އުޅަނދުތަކުގެ އަދަދު ދަށަށް ހިނގައްޖެއެވެ.

މާލޭ ސިޓީގެ ޓްރިފިކް މައްސަލަތަކުގެ ހިސާބުތައް ފުލުހުން އަންނަނީ ހަފްތާއަކު އެއްފަހަރު އާއްމުކުރަމުންނެވެ. ފުލުހުން އާއްމުކުރި ޓްރިފިކް މައްސަލަތަކުގެ ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ޤަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 763 އުޅަނދުގައި ވަނީ ސްޓިކާ ޖަހާފައެވެ. އޭގެ ކުރީ ހަފްތާގައި ޤަވާއިދާ ހިލާފަށް ޕާކުކޮށްގެން 852 އުޅަނދެއްގައި ވަނީ ސްޓިކާ ޖަހާފައެވެ.

މިހިނގާ އޮކްޓޯބަރ މަހުގެ 19ން 25ށް މާލޭ ސަރަހައްދުގައި 41 އެކްސިޑެންޓެއް ހިނގައި 11 މީހަކަށް އެކިވަރުގެ އަނިޔާލިބިފައިވާކަމަށް ފުލުުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ކުރީ ހަފްތާގައި މާލޭ ސަރަހައްދުގައި 44 އެކްސިޑެންޓް ހިނގާ 16 މީހަކަށްވަނީ އަނިޔާވެފައެވެ.

ޓްރެފިކް ފުލުހުން ބެލި މައްސަލަތަކުގެ ތެރެއިން މިދިޔަ ހަފްތާގައި އެންމެ ގިނައީ އާންމުކޮށް ދިމާވާ މައްސަލައެއް ކަމަށްވާ ލައިސަންސް ނެތި ދުއްވުމުގެ މައްސަލަތަކެވެ. މިގޮތުން މިދިޔަ ހަފްތާގައި ލައިސަންސް ނެތް 111 މީހަކު ހިފަހައްޓާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެއިތުރުން ލައިސަންސް އަތުގައި ނެތި ދުއްވި 53 މީހެއްގެ މައްސަލަވެސް ފުލުހުން ވަނީ ބަލާފައެވެ.

އިންޝުރަންސާއި ރޯޑް ވާދިނަސް ނެތް 35 މައްސަލަަކާއި ޓްރެފިކް ސައިންތަކާއި ހިލާފުވި 20 މައްސަލައަކާއި ހެޑް ފޯނު އަޅައިގެން ދުއްވި 29 މައްސަލައެއްވެސް މިދިޔަ ހަފްތާގައި ފުލުހުން ބަލާފައިވާކަމަށް އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ޤަވައިދާ ހިލާފަށް ޓެކްސީ ކުރި އަދަދުވަނީ ކުރީ ހަފްތާއާއި އަޅާބަލާއިރު މައްޗަށް ޖެހިފައެވެ. އެގޮތުން ގަވައިދާ ޙިލާފަށް ޓެކްސީ ކުރި 13 މައްސަލަ ރިކޯޑް ކުރެވިފައިވާއިރު އޭގެ ކުރީ ހަފްތާގައި ރިކޯޑް ކުރެވިފައިވަނީ 2 މައްސަލައެވެ. އެއާއެކު ހެލްމެޓް ނާޅާ ދުއްވި 11 މައްސަލައެއްވެސް މިދިޔަ ހަފްތާގައި ވަނީ ފުލުހުންނަށް ބަލާފައެވެ.

ގަވާއިދާ ހިލާފަށް ޕާކުކުރުމުން ފުރަތަމަ ފަހަރަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހެނީ 250 ރުފިޔާ އެވެ. ދެވަނަ ފަހަރަށް އެ ކުށް ތަކުރާރުކޮށްފިނަމަ ޖޫރިމަނާގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހެއެވެ. އަދި ތިންވަނަ ފަހަރާއެކު ކުށް ތަކުރާރުކުރާނަމަ ކޮންމެ ފަހަރަކަށް ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެ އެވެ.