ޚަބަރު

ގައުމީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ރިވައިވަލް ސްޕޯޓްސްއަށް


ލިޓަސް 46 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޓީމް އިވެންޓް ބައިގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ރިވައިވަލް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
ރޭ ކުޅުނު ފުރަތަމަ ޑިވިޝަންގެ ފައިނަލުން ރިވައިވަލް މޮޅުވީ ސީއެސް ސްޕޯޓްސް ކްލަބާ ވާދަކޮށް 17-13 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ސިންގަލްސް އިން ރިވައިވަލްގެ އަހުމަދު ތޯއިފް ވަނީ ސީއެސްގެ ހަސަން އަފްޝީން އަތުން ދެ ސެޓު އެއް ސެޓުން ބަލިވެފައެވެ. ދެ ވަނަ ސިންގަލްސް މެޗުން ރިވައިވަލްގެ ރިޝްވާން ޝިޔާމް މޮޅުވީ ސީއެސްގެ ފަތުހުﷲ ޝަކީބް އަތުންނެވެ. ފުރަތަމަ ޑަބަލްސްގައި ރިވައިވަލްގެ ތޯއިފް އާއި އަލީ ޝަރްމީލްގެ ޕެއާ އިން ވަނީ ސީއެސްގެ އަފްޝީން އާއި ހިޝާމް ލަތީފްގެ ޕެއާ ބަލިކޮށްފައެވެ. އެކަމަކު ޖެހިގެން އައި ތިން ވަނަ ސިންގަލްސް މެޗުގައި ސީއެސްގެ ހިޝާމް ވަނީ ރިވައިވަލްގެ އައްފާން އަލީ ބަލިކޮށްފައެވެ. ރިވައިވަލް މެޗުން މޮޅުވީ ފަހު ޑަބަލްސް މެޗުން އެ ޓީމުގެ ރިޝްވާން އާއި އަހުމަދު ވަސީމްގެ ޕެއާ މޮޅުވުމުންނެވެ. އެ ޕެއާ މޮޅުވީ ސީއެސްގެ އަހުމަދު ރިޔާޒާއި ފަތުހުﷲގެ ޕެއާ އަތުންނެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އޭދަފުށި ހޯދީ ފައިނަލުގައި ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް 17-13 ޕޮއިންޓުން ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސިންގަލްސްގައި ޔޫވީގެ މުހައްމަދު މުނައްވަރު ވަނީ އޭދަފުށީގެ ޕުރިންދޫ ބަންޑަރަ އަތުން މޮޅުވެފައެވެ. އެކަމަކު ދެ ވަނަ ސިންގަލްސްގައި އޭދަފުށީގެ އަބްދުލް މަތީން ވަނީ ޔޫވީގެ މުހައްމަދު ޝާމީން ބަލިކޮށްފައެވެ. ފުރަތަމަ ޑަބަލްސް މެޗުން ވެސް މޮޅުވީ ޔޫވީއެވެ. އެ ޓީމުގެ މުނައްވަރާއި އިބްރާހިމް ސިރާޖުގެ ޕެއާ ވަނީ އޭދަފުށީގެ ޕުރިންދު އާއި މަތީންގެ ޕެއާ ބަލިކޮށްފައެވެ. އޭދަފުށިން އަނެއްކާ ވެސް އެއްވަރުކުރީ ތިން ވަނަ ސިންގަލްސްގައި އެ ޓީމުގެ ހުސެއިން މުހައްމަދު ހޯދި މޮޅުންނެވެ. ހުސެއިން ވަނީ ޔޫވީގެ މަޒީން މުހައްމަދު އަތުން މޮޅުވެފައެވެ. ނަތީޖާ ނެރެން ކުޅުނު ފަހު މެޗުގައި އޭދަފުށީގެ ހުސެއިން އާއި މުހައްމަދު އިކުރާމްގެ ޕެއާ ވަނީ ޔޫވީގެ ސިރާޖާއި ހަސަން ރިޔާޒްގެ ޕެއާ ދެ ސެޓު އެއް ސެޓުން ބަލިކޮށްފައެވެ.