ޚަބަރު

މިދިޔަ އަހަރު އެކަނިވެސް އައިޖީއެމްއެޗުން 36 މީހަކު އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދި


މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އައިޖީއެމްއެޗުން އެކަނިވެސް 36 މީހަކު އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދުމަށް އޮޕަރޭޝަން ކޮށްފައިވާކަމަށް އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް އިން ސާޖަރީ ޑރ. ޢަބްދުއްﷲ އުބައިދު ވިދާޅުވެއްޖެއެވެ.

ކެންސަރު ބައްޔާއި، އެބަލި ޖެހުމަށް މެދުވެރިވާ ސަބަބުތަކާއި އެބަލިން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް އިން ސާޖަރީ އަދި ޑިޕާޓްމަންޓު އޮފް ސާޖަރީގެ ހެޑް ޑރ. ޢަބްދުއްﷲ އުބައިދު ވިދާޅުވީ ނިސްބަތުން ރާއްޖޭގައި އެންމެގިނަ މީހުންނަށް ޖެހެނީ އުރަމަތީގެ ކެންސަރު ކަމަށެވެ. އެގޮތުން ރާއްޖޭގައި އުރަމަތީގެ ކެންސަރު ޖެހޭ މީހުންގެ އިންސައްތަ އުޅެނީ 16.6 އިންސައްތައިގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހަަމައެކަނި އައިޖީއެމްއެޗުން ފަރުވާ ހޯދި މީހުންގެ އަދަދަށް ރިއާޔަތްކުރައްވާ ޑރ އުބައިދު ވިދާޅުވީ މިއީ ނިސްބަތުން ބޮޑު އަދަދެއްކަމަށެވެ. އެހެންކަމުން ކެންސަރަށް މަގުފަހިވާ ކަންކަމުން ދުރުވެ ޙަރަކާތްތެރި ދިރިއުޅުމެއް ބައްޓަން ކުރުމުގެ މުހިންމުކަން ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ.

ކެންސަރު ބައްޔަކީ ދިރިއުޅުމުގެ ވައްޓަފާޅިއާއިވެސް ގުޅިފައިވާ ބައްޔެކެވެ. އުރަމަތީގެ ކެންސަރާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް އިން ސާޖަރީ ޑރ. އައިޝަތި އަޒްނާ ޢަލީ ވިދާޅުވީ، އުރަމަތީގެ ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި އުރަމަތީގައި ގަނޑުލުމާއި ހަން ބޯވުން ހިމެނޭ ކަމަށެވެ. އަދި ހަމުގެ ކުލައާއި ހަންގަނޑަށްވެސް ބަދަލުތަކެއް އަންނާނެކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ޑރ.އައިޝަތު އަޒްނާ ވިދާޅުވީ މިފަދަ އަލާމާތެއް ފެނިއްޖެނަމަ ނުވަތަ ކުރިން ނުހުންނަ ކަަހަކަ ތަދެއް އިހްސާސް ކުރެވޭނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކައި ފަރުވާހޯދުން މުހިންމު ކަމަށެވެ. އަދި ކޮންމެ މަަހަކު އެއްފަހަރު ސްކްރީންކުރުމަކީވެސް މުހިންމު ކަމެއް ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި ހަމައެކަނި ކެންސަރުގެ އޮޕަރޭޝަންތަކާއިބެހޭ ޙާއްސަ ޑޮކްޓަރ އަދި އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް އިން އޮންކޯ ސާޖަރީ ޑރ މުޙައްމަދު ޝިފާން ވިދާޅުވީ ކެންސަރުބަލިތަކުގެ ތެރެއިން އުރަމަތީގެ ކެންސަރަކީ ފަރުވާހޯދޭނެ ގިނަ ގޮތްތައް ހުރި ބައްޔެއްކަމަށެވެ. އެހެންކަމުން އެކަމުން ސަލާމަތްވުމަށް ފަރުދީ ޒިންމާ ނަގާ، ކޮންމެ އަހަރަކު އެއްފަހަރުނަމަވެސް އެކަމަށް ހަދަންޖެހޭ ޓެސްޓް ހެދުން މުހިންމު ކަމަށް ޑރ.ޝިފާން ވިދާޅުވިއެވެ. ޑރ.ޝިފާން ވިދާޅުވީ މިވަގުތު ކެންސަރަށް ރާއްޖޭން ދެވެން ނެތް ހަމައެކަނި ފަރުވާ އަކީ ރޭޑިއޭޝަން ކަަމަށެވެ. އެހެންނަމަވެސް އޮޕަރޭޝަނާއި ކީމޯ ތެރަޕީއާއި ބޭސް ބޭނުންކުރެވެންވެސް ރާއްޖޭން ހުރިކަން ޝިފާން ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވަނީވެސް ކެންސަރު ބަލީގެ ސަބަބުންނެވެ. އެހެންނަމަވެސް މިބައްޔަކީ ކުރީބައި ފަރުވާ ހޯދައިފިނަމަ ނުރައްކާތެރިކަން ކުޑަ ބައްޔެކެވެ.