ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރު ދައްކާލުމަށް ބާއްވާ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރުތައް ދައްކާލުމަށް ޚާއްޞަ މައުރަޒެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ނިންމައިފިއެވެ.

"ރިވެލި މައުރަޒު"ގެ ނަމުގައި ބާއްވަން ނިންމާފައިވާ މި މަޢުރަޒުގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް މުޖުތަމަޢުއަށް ދައްކާލުންކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. މިމައުރަޒުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ކުރަމުން އަންނަ މަސައްކަތްތަކާއި، ތައްޔާރުކުރާ ތަކެތި ދައްކާލުމާއި، އެތަކެތި ވިއްކުމާއި، ވިއްކޭނެ މަގު ތަނަވަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ މިފަދަ ފުރުޞަތުތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމަށް ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދެވިގެންދާނެކަމަށެވެ. އަދި އެމީހުންނަކީ މުޖުތަމަޢުގެ މުހިންމު ހިއްސާއަކަށް ވެގެންދިއުމުގެ މަގުތައް ފަހިވެގެންދާނެކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

އަންނަ ޑިސެމްބަރު މަހުގެ އެކަކުން ތިނަކަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ. މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ 14:00ގެ ކުރިން ޖެންޑަރ މިނިސްޓްރީއަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ރަށްރަށުން މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ މެދުވެރިކޮށް ފޯމް ހުށަހެޅޭނެކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.