ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް އޮސްޓްރޭލިއާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފި


ރާއްޖެ އިޝްތިހާރުކުރުމަށް އޮސްޓްރޭލިއާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފިއެވެ.

މިއީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީއިން މިއަހަރު ކުރިއަށްގެންދާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން 15 ވަނަ ދަތުރެކެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް މި ނޫސްވެރިންގެ ޓީމް ރާއްޖެއަށް އައިސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މި ޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދަތުރުގައި ފަތުރުވެރިން ރާއްޖެ އައިސް ތިބެވޭނެ އެކި ތަންތަން މި ބޭފުޅުން ތަޖުރިބާ ކުރާނެއެވެ. މީގެ ތެރޭގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސަފާރީތައް ހިމެނެއެވެ. މި ދަތުރުގައި މި ބޭފުޅުން ކުރާ ތަޖުރިބާތައް މީޑީއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ޝާއިޢުކުރުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުގައި މި ޓީމު ތިބުމަށް ހަމަޖެހިފައިވަނީ ސީކްރެޓް ޕެރަޑައިސް ގެސްޓް ހައުސާއި، ޔޮޓް މޯލްޑިވްސް ސަފާރީ އަދި އެމަރެލްޑް މޯލްޑިވްސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައެވެ.

އޮސްޓްރޭލިއާގެ ނޫސްވެރިންގެ މިޓީމުގައި އެޤައުމުގެ އެސްކޭޕް، ވެސްޓް އޮސްޓްރެއިލިއަން، މޭރީ ކްލެއަރ އަދި ހޫ މެގެޒިންގެ ތަޖުރިބާކާރު ނޫސްވެރިން ހިމެނެއެވެ.

އޮސްޓްރޭލިއާއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ ބޮޑު މާކެޓެކެވެ. މިއަހަރުގެ ޖެނުއަރީން އޮގަސްޓުމަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ސައްބީސް ހާސް ހަތަރުސަތޭކަ ނުވަދިހަ ހަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10.7 އިންސައްތަ އިތުރު ޢަދަދެކެވެ.