 
					
									
			ސާކްގެ ޤައުމުތަކުގެ މެދުގައި ކޮންމެ އަހަރަކު ބާއްވާ "އެސްޑީއެފް ކައުންޓަރ ޕާޓް މީޓިން" ރާއްޖޭގައި ފަށައިފިއެވެ. 
މި ބައްދަލުވުމަކީ ސާކް ޤައުމުތައް އުމުރާނީ ގޮތުންނާއި އިޤްތިސާދީގޮތުން ކުރިއެރުވުމަށްޓަކައި އެސްޑީއެފްގެ އެހީތެރިކަން ހޯދޭނެ ދާއިރާތަކާ ބެހޭގޮތުން ދެ ފަރާތުން ވެސް ބައްދަލުވެ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާ ބައްދަލުވުމެކެވެ. 
އޮކްޓޯބަރު 23 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތް ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލްއެވެ. މި ބައްދަލުވުމުގައި އެސްޑީއެފްގެ ސީއީއޯ ސުނިލް މޯތިވަލްގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއި ސާކް ޤައުމުތަކުގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. 
		
 
					
									
			މި ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޟް ވަނީ އެސްޑީއެފްގެ އެހީއާއެކު އިތުރު ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. 
ސީއީއޯ ޑރ. ސުނިލް މޯތިވަލް ވިދާޅުވީ މި ބައްދަލުވުމުގެ ތެރެއިން އެސްޑީއެފްގެ އެހީއާއެކު ރާއްޖޭގައި ތަރައްޤީކުރެވޭނެ ދާއިރާތައް އަލިއަޅުވާލެވޭނެކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް އިކޮނޮމިކް މިނިސްޓަރ ފައްޔާޟްއާއި މަޝްވަރާ ކުރެވިގެން ކުރިއެރުވޭނެ ދާއިރާތަކާއި ބެހޭގޮތުން ވާހަކަދައްކާފައިވާކަމަށެވެ. 
މީގެ އިތުރުން ސަރުކާރާއިއެކު މުހިއްމު ދެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާކަމަށް ވެސް ސުނިލް ވިދާޅުވިއެވެ. އެގޮތުން ދަނޑުވެރިންނަށް ވިޔަފާރިކުރުމުގައި ލުއި ފަސޭހަކަން ހޯދުމުގެ ގޮތުންނާއި އަންހެނުންނާއި ކުޑަކުދިންނަށް ދިމާވާ ކަންތައް ރިޕޯޓުކުރަން ޓޯލް ފްރީ ހެލްޕް ލައިނެއް ތަޢާރަފްކުރުމާއި ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 
		
 
										
			ސުނިލް ވިދާޅުވީ ސާކްގެ ޤައުމުތަކަށް ޚާއްސަކޮށްގެން އެސްޑީއެފްއިން ގިނަ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު މިކަމަށް ސާކް ޤައުމުތަކުން ލިބޭ އެއްބާރުލުން ވަރަށް ކުޑަކަމަށެވެ. ވަކިން ޚާއްސަކޮށް ރާއްޖެއިން މިކަމަށް އެއްބާރުލުން ފޯރުކޮށްދޭ މިންވަރު ކުޑަކަމަށް ސުނިލް ފާހަގަކުރެއްވިއެވެ. 
"އަޅުގަނޑު ބުނެލަން ބޭނުން، އަޅުގަނޑުމެން މާލީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރުގައި ތިބިއިރުވެސް ދިވެހި ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭ ރެސްޕޮންސް ކުޑަކަން. އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެއާއި ވީހާވެސް ކައިރިން މަސައްކަތްކުރުމަށް. އެސްޑީއެފްގެ ފައިސާއަކީ މެމްބަރު ޤައުމުތަކުގެ ޙައްޤެއް. މި ފައިސާއިން އަޅުގަނޑުމެން ބޭނުންވަނީ މި ޤައުމުތައް ތަރައްޤީކުރަން." ސުނިލް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ވަނީ ކުރިއަށްއޮތް ފަސް އަހަރަށް ރާއްޖޭގެ އެކްޝަން ޕްލޭނާއި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ސާކްގެ މެމްބަރު ޤައުމުތަކުގެ މެދުގައި ހިއްސާކޮށްފައެވެ. 
މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ބައްދަލުވުމަކީ ކޮންމެ އަހަރަކު ދެފަހަރު ސާކް ޑިވެލޮޕްމެންޓް ފަންޑުން ސާކްގެ މެމްބަރު ޤައުމުތަކުގައި ކުރިއަށްގެންދާ ބައްދަލުވުމެކެވެ.