ޚަބަރު

ވީއޭއެމްގެ އިންތިޚާބު ފަސްކޮށްފި


ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިޚާބު ފަސްކޮށްފިއެވެ.

އިންތިޚާބު ފަސްކުރުމަށްފަހު އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ބަދަލުގެނެސް، އަލުން އިންތިޚުބް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ސްޕޯޓްސް ކޮމިޝަނަރ ހިނާ އަހުމަދު ސަލީމް ވިދާޅުވީ ބައެއް ކަހަލަ ސަބަބުތަކާހުރެ، ވީއޭއެމްގެ އިންތިޚާބްގެ ކަންކަން ފަސްކޮށްފައިވާކަމަށާ އިންތިޚާބްގެ މަގާމްތަކަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ސައްހަކަން ބަލަންވެސް ވަގުތު ބޭނުންވާކަމަށް ހީނާ ވިދާޅުވިއެވެ. އަދި އިންތިހާބް ބޭއްވުމަށް ވާންޖެހޭ ބައެއް ކަހަލަތައްޔާރީތަށްވެސް އެންމެ އެކަށީގެންވާ ގޮތުގައި ނުވެވޭކަމަށާ އެފްއައިވީބީއިން މިއިންތިޚާބު ގަބޫލް ނުކުރާނެކަމަށް އަންގާފައިވުމަކީވެސް އިންތިޚާބު ފަސްކުރަން ޖެހުނު އެއް ސަބަބުކަމަށް އޭނާ ވިދާޅުވިއެވެ.

ސްޕޯޓްސް ކޮމިޝަނަރ ހީނާ އަޙްމަދު ސަލީމް ވިދާޅުވީ އެއްވެސް ހާލެއްގައި ކުޅިވަރަށް ދެރަ ގޮތެއްވާން ބޭނުން ނުވާކަމަށާ ވީއޭއެމް ސަސްޕެންޑް ވުމުގެ ފުރުސަތު ނުދޭވޭނެކަމަށެވެ.

ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފުގެ ލީޑަރޝިޕްގެ މަސައްލަތަކެއް ސްޕޯޓްސް ކޮމިޝަނުން ބަލެމުމަށްފަހުވަނީ ވީއޭއެމް ނޯމަލައިޒޭޝަން ކޮމެޓީއަކާ ހަވާލްކޮށްފައެވެ. ނޯމަލައިޒޭޝަން ކޮމެޓީއާ ހަވާލްކުރިނަމަވެސް، ލަތީފްގެ ލިޑަރޝިޕްގައިހުރީ ކޮންމައްސަލަތަކެއް ސްޕޯޓްސް ކޮމިޝަނުން ޢާންމުކޮށްފައެއް ނުވެއެވެ.

ވީއޭއެމްއިން އިންތިޙާބްއަށް ތައްޔާރުވަމުންދަނިކޮށް އެފްއައިވީބީއިން ވަނީ ސްޕޯޓްސް ކޮމިޝަނުން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމެޓީ ބަލައިނުގަންނަކަމަށާ އެކޮމެޓީއިން ބާއްވަން މަސައްކަތް ކުރާ އިންތިޚާބުވެސް ބަލައިނުގަންނާނެކަމަށް އަންގާފައެވެ.

އެންމެ ފުރަތަމަ ވީއޭއެމް ހިންގުމަށް އެކުލަވާލި ނޯމަލައިޒޭޝަން ކޮމެޓީ އެކުލަވާލުމާއެކު މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)އިންވަނީ އެކޮމެޓީ ސައްޙަކަމަށް ނިންމާފައެވެ. ނަމަވެސް ފަހުން އެމްއޯސީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވީ އެކޮމެޓީ ސައްޙަކަމަށް އެމްއޯސީއަށް ނުނިންމޭނެކަމަށާ އެއީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޤަވާއިދުބުނާގޮތުން ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި އެމްއޯސީއަށް ހަމައެކަނި ކުރެވޭނެކަމަކީ ސްޕޯޓްސް ކޮމިޝަނުން ވީއޭއެމްގެ މައްސަލަ ބެލުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓް ބައިނަލަގްވާމީ ފަރާތްތަކާ ހިއްސާކުރުންކަމަށް ޝަވީދު ވިދާޅުވިއެވެ.