އައްޑޫ ޓަރޝަރީ ހޮސްޕިޓަލަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ ޖަނަރޭޓަރު ދެ ދުވަހެއްގެ ތެރޭގައި އައްޑޫ ސިޓީއަށް ފޮނުވާލެނޭވެކަމަށް ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ސައީދު ވިދާޅުވީ އެ ޖަނަރޭޓަރ ސެޓު މިހާރު ރާއްޖެ ގެނެސްފައިވާކަމަށެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތާއި ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، 25 މެގަވޮޓްގެ ކެޕޭސިޓީ އައްޑޫ ސިޓީގައި އިންސްޓޯލްކޮށްފައިވީނަމަވެސް، އިންޖީނުތައް ބާވެ ހަލާކުވެފައި ހުރުމުގެ ސަބަބުން ދުވާލެއްގެ މައްޗަށް މިހާރު އުފެއްދެނީ 6 މެގަވޮޓާއި 7 މެގަވޮޓާއި ދެމެދުގެ ކަރަންޓުކަމަށެވެ. އަދި އެއީ އައްޑޫގައި އޮތް ކަރަންޓުގެ ޑިމާންޑާއި އެއްވަރުގެ މިންވަރެއްނޫންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސަޢީދު ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ސިޓީގައި މިހާރު ތަރައްޤީކުރަމުންދާ ޓަރޝަރީ ހޮސްޕިޓަލަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ 1 މެގަވޮޓްގެ ޖެންސެޓް މިހާރު ގެނެސްފައިވާކަމަށެވެ.
"އައްޑޫގެ ޕަވަރ ސެކިއުރިޓީ ނެޓްވޯކް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޓަރޝަރީ ހޮސްޕިޓަލަށް ކަރަންޓް ފޯރުކޮށްދޭން ބޭނުންވާ 1 މެގަވޮޓްގެ ޖެން-ސެންޓް މިހާރު ވަނީ މާލެ ގެނެވިފައި. ދެ ދުވަހެއްގެ ތެރޭގައި ޖެންސެޓް އައްޑޫއަށް ފޮނުވާލެވޭނެ. ހަޤީޤަތުގައި މިއީވެސް މަދު އަދަދެއް. ނަމަވެސް އަޅުގަނޑުމެން މި ބަލަނީ ޕަވަރ ކެޕޭސިޓީ އިތުރުކުރެވޭނެހެން ވަޞީލަތްތައް އިތުރުކުރުމަށް" ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ، އައްޑޫ ސިޓީގައި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދަނީ ވަރަށް ޒަމާންވީ އިންޖީނުތަކެއްކަމުން، އިންޖީނުތަކުގެ މެއިންޓެނެންސްގެ މަސައްކަތަށްވެސް ބޮޑު ޚަރަދެއްކުރަންޖެހޭކަމަށެވެ. އިންޖީނުތައް މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީއަށް އިތުރު 4 މެގަވޮޓުގެ ކަރަންޓް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
"އައްޑޫ އިންޖީނުގޭގައި ހަލާކުވެފައިވާ ޔަންމާ 2 އިންޖީނު ބަދަލުކުރުމަށް ބޭނުންވާ 2 ޖެންސެޓް ކުރިއަށް އޮތް 2 ހަފްތާ ތެރޭ އަޅުގަނޑުމެންނަށް ލިބޭނެ. މަސައްކަތް މިކުރަނީ މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 4 މެގަވޮޓް އިންސްޓޯލްކުރުމަށް" ސަޢީދު ވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެއުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 20 މެގަވޮޓުގެ ކަރަންޓް އިންސްޓޯލްކުރުމުގެ މަސައްކަތް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއި މިހާރު ވަނީ ހަވާލުކޮށްފައެވެ. އަދި އައްޑޫ ސިޓީގައި 10 މެގަވޮޓުގެ ސޯލަރ-ޕަވަރ ޕްރޮޖެކްޓެއްވެސް ވަރަށް އަވަހަށް ފެށުމަށް ފެނަކަ ކޯރޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެކުންފުނިން ވިދާޅުވީ އައްޑޫގައި ފޯރުކޮށްދޭ ކަރަންޓުގެ 70 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަކީ އެކުންފުނީގެ އަމާޒެއްކަމަށެވެ.