ވިޔަފާރި

3 ވަނަ ފަރާތަކުން ގޭސް ގެނައީ ކެޕޭސިޓީ ނެތުމުން - މޯލްޑިވް ގޭސް


މޯލްޑިވް ގޭހުން 3 ވަނަ ފަރާތެއް މެދުވެރިކޮށް ގޭސް ގެނެސްފައިވަނީ އެކުންފުނީގައި ގޭސް ރައްކާކުރުމުގެ ޤާބިލްކަން ނެތުމުންކަމަށް މޯލްޑިވްސް ގޭހުން ބުނެފިއެވެ.

މޯލްޑިވް ގޭހުން މިކަން ހަމާކޮށްފައިވަނީ އެކުންފުނިން ގޭސް ގަންނަމުންދިޔަ "ޝެލް" ކުންފުނިން ގޭސް ގަތުން ހުއްޓާލައި ތިންވަނަ ފަރާތަކުން ގޭސް ގަތުމަށް އެކުންފުނިން ނިންމި ނިންމުމާ ގުޅޭގޮތުން މަޖިލީހުގެ ކޮމިޓީއަށް މަޢުލޫމާތުދެއްވަމުންނެވެ.

ސަރުކާރު ކުންފުނިތައް ޖަވާބުދާރީކުރުވާ މަޖިލީހުގެ އެސް.އޯ.އީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް ގޭސްގެ ފައިނޭންސް މެނޭޖަރ އަހުމަދު ރަމީޒު ވިދާޅުވީ ގޭސް ގަންނަ ކުންފުނި ބަދަލުކުރަން ޖެހުނީ ކުރިން ގޭސް ގަނތް ކުންފުނިން ގޭސް ގަތުމަށް ދަތިތަކާއި ކުރިމަތިވުމުން ކަމަށެވެ.

ރަމީޒު ވިދާޅުވީ ކުންފުނީގެ ގޭސް ސްޓޯރޭޖްގެ ލިމިޓަކީ 1100 މެޓްރިކް ޓަނު ކަމަށެވެ. އެހެންނަމަވެސް "ޝެލް" އިން އާންމުކޮށް ޝިޕްކުރަނީ މަދުވެގެން 2000 މެޓްރިކް ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ހުންނަ ސަރަޙައްދުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިސަބަބާއި ހެދި މި ކުންފުންޏާއި މުޢާމަލާތްކޮށް ކަންތައްތައް ނިންމުމުގައި ދަތިތަކެއް ކުރިމަތިވިކަމަށް ރަމީޒު ފާހަގަކުރެއްވިއެވެ.

ރަމީޒު ވިދާޅުވީ މޯލްޑިވް ގޭސް ސިލިންޑަރުތައް އަރުވާ ބާލާ ބަނދަރަކީ "ޝެލް" ކުންފުނިން ގެންގުޅޭ މިންގަނޑުތަކަށް ފެތޭ ބަނދަރަކަށް ނުވުމުން މުދާ ބޭލުމުގައި އެކުންފުނިން ބޭނުންކުރަންޖެހެނީ އެސްޓީއޯގެ ޓަގު ބޯޓެއްކަމަށެވެ. އަދި އެސްޓީއޯގެ ޓަގު ބޯޓަކީ ކޮންމެ ވަގުތަކު ލިބޭ ވަސީލަތަކަށް ނުވުމުން ވެސް މުދާ ބޭލުމުގައި ދަތިތަކެއް ކުރިމަތިވިކަމަށް ރަމީޒު ވިދާޅުވިއެވެ.

"ޝެލް ބޭނުންވާ މިންވަރަކަށް އަޅުގަނޑުމެންގެ ޕޯޓެއް ނީނދޭ. ހަމައެކަނި ބޭނުންކުރަން މި ޖެހެނީ އެސްޓީއޯގެ ޓަގު ބޯޓު. ތިންވަނަ ކަމަކީ ވަރަށް އުނދަގޫ ޝެލްއާއި ނެގޯޝިއޭޓްކުރަން. ޓަރމްސްތައް ވަރަށް ސްޓްރިކްޓް. އަދި އެދުވަސްކޮޅަކީ ފޮރިން ކަރަންސީވެސް ލިބުން ދަތި ދުވަސްކޮޅެއް." ރަމީޒު ވިދާޅުވިއެވެ.

ޝެލް ކުންފުނި ނުވަތަ ޝެލް ގްލޯބަލްއަކީ ގޭސް އުފައްދާ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. 2017 ވަނަ އަހަރާއި ހަމައަށް މޯލްޑިވް ގޭހުން، ގޭސް އެތެރެކުރަމުންދިޔައީ މި ކުންފުނި މެދުވެރިކޮށެވެ. އެހެންނަމަވެސް ދިމާވި ދަތިތަކާއެކު ފަހުން މޯލްޑިވް ގޭހުން ގޭސް އެތެރެކުރަމުންދިޔައި "3DH" ކިޔާ ކުންފުންޏަކުންނެވެ.

ޝެލް ކުންފުނިން އޮޕަރޭޓްކުރަމުން އައިއިރު ފްރައިޓް ޗާޖެއްގެ ގޮތުގައި ނަގަމުންދިޔައީ ކޮންމެ ޓަނަކަށް 120 ޑޮލަރެވެ. އެހެންނަމަވެސް "3DH" ކުންފުނިން ގޭސް ގަންނަން ފެށީއްސުރެން ފްރައިޓް ޗާޖުގެ ގޮތުގައި ކޮންމެ ޓަނަކަށް އެވްރެޖްކޮށް 280 ޑޮލަރު ދިޔައީ ނަގަމުންނެވެ. މިއީ ޝެލްއިން ނަގަމުންދިޔަ ޗާޖުގެ ދެގުނަ އިތުރު އަދަދެކެވެ.

މިކަމާއި ގުޅިގެން އެސް.އޯ.އީ ކޮމިޓީގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާ މިކަމާއި ގުޅިގެން ގިނަ ސުވާލުތަކެއް އުފައްދާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަޙުމަދު ނާޝިޒް ވިދާޅުވީ ތިންވަނަ ކުންފުންޏެއް މެދުވެރިކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަން ފެށި ފަހުން ގާތްގަނޑަކަށް 2.9 މިލިއަން ޑޮލަރު ކުންފުނިން ގެއްލިފައިވާކަމަށެވެ. ނާޝިޒް ވިދާޅުވީ ކުންފުނީގެ ކެޕޭސިޓީއެއް ނެތްކަމަށް ބޯޑުން ބުނަމުންދާއިރު މި ފައިސާއިން ވެސް ކުންފުނީގެ ކެޕޭސިޓީ ބޮޑުކުރެވިދާނެކަމަށެވެ. އެހެންކަމުން، އިތުރު ފައިސާ ޚަރަދުކޮށްގެން ތިންވަނަ ކުންފުންޏެއް މެދުވެރިކުރީ ކީއްވެކަމަށް ތަކުރާރުކޮށް ނާޝިޒް ވަނީ ސުވާލު އުފައްދާފައެވެ.

" 10 ކިލޯގެ ފުޅިއަކަށް 20 ރުފިޔާގއެ ގެއްލުން ލިބޭ މި ވާގޮތުން. ތިބޭފުޅުން ތި ދައްކަވާ ވާހަކަތަކަކީ ޖަސްޓިފައިޑް ވާހަކަތަކެއް ނޫން. "3DH" މީއި ކިހިނެތް އައި ބައެއްތޯ؟ ކިހާ ވަރަކަށް ބަލާފަތޯ ބޯޑުން މި ކުންފުނި މެދުވެރިކުރީ." ނާޝިޒް ވިދާޅުވިއެވެ.

މި ސުވާލުތަކަށް ޖަވާބުދެއްވައި ވާހަކަދައްވަމުން ކުންފުނީގެ ޗެއަރމަން އަދި ވަގުތީގޮތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަހުމަދު ޝިފާން ވިދާޅުވީ ގޭސް ގަތުމަށް "3DH" އައްޔަންކުރީ ކިހިނެތްތޯ ދަންނަވާކަށް ނޭނގޭކަމަށެވެ. އެހެންނަމަވެސް، "3DH" ކުންފުނި އައީ މޯލްޑިވް ގޭހުގެ ކެޕޭސިޓީ ނެތުމާއެކު ބޮޑެތި ކުންފުނިތަކުން ގޭސް ޝިޕްކުރަން ބޭނުން ނުވި ހިސާބުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވް ގޭހުން ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ހިނގަމުންދާކަމުގެ ތުހުމަތުކުރެވުނީ ރައީސުލްޖުމްޙުރިއްޔާގެ އޮފީހަށް ލިބުނު ސިއްރު ސިޓީއަކާއި ގުޅިގެންނެވެ.