އަތޮޅުތައް

ނ.ކުޑަފަރީ ބަނދަރުގެ މަސައްކަތް އެމްޓިސީސީން ނިންމާލައިފި


ނ.ކުޑަފަރީ ބަނދަރުގެ މަސައްކަތް ނިންމާ އެމްޓިސީސީގެ ވެހިކަލްތައް އެރަށުން ބާލަން ފަށައިފިއެވެ.ނ.ކުޑަފަރީ ކައުންސިލް މެމްބަރު ހާމިދު ފާއިޒް ވިދާޅުވީ އެމްޓީސީސީ އިން އެރަށުގައި މަސައްކަތް ކުރަމުންދިޔަ ވެހިކަލްތައް ބާލަން ފަށާފައިވާ ކަމަށާއި އެރަށު ބަނދަރުގެ މަސައްކަތުގެ ތެރެއިން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަސައްކަތްތައް ނިމިފައިވާ ކަމަށް ނުރަސްމީކޮށް އެފަރާތަށް އަންގާފައިވާ ކަމަށެވެ.2014 ވަނަ އަހަރުގެ ކުރީކޮޅު ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި ކުޑަފަރީ ބަނދަރު ހެދުމުގެ ޕްރޮޖެކްޓް ނިމިފައިވާ އިރު އެރަށު ރައްޔިތުން ބޭނުންވާ ބައެއް ކަންތައްތައް ފުރިހަމަ ވެފައިނުވާ ކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން ނެރުގެ ނެރުގެ އިރުމަތީ ފައިކަށި މިހާރު އިންނަ ގޮތުން އިރުވައި މޫސުމަށް ފަޅުތެރެ ވަރަށްބޮޑަށް ގަދަވާކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާނޭ ކަމަށް ފާއިޒް ވިދާޅުވިއެވެ.ކުޑަފަރީ ބަނދަރަކީ 2003 ވަނަ އަހަރު އަމިއްލަ ފަރާތަކުން ހަދަން ފަށާ ހުއްޓިފައިވާ ބަނދަރަކަށްވެފައި، މިހާރުވެސް ފަޅު އޮތީ 2003 ވަނަ އަހަރު ފުންކުރި ވަރަށް ކަމަށާއި ފަޅު އިތުރަށް ފުންކޮށް ފަޅުތެރޭގައި އޮތް ހުއި ގަނޑު ނަގަންވެސް އެކައުންސިލުން އެދިފައިވާނޭ ކަމަށް ފާއިޒް ވިދާޅުވިއެވެ.އެމްޓިސީސީ އިން ކުޑަފަރީ ބަނދަރުގެ މަސައްކަތް ނިންމާލި އިރު އެރަށު ކަނޑުތޮށީގައި ބޮޑު ހިލަ ޖަހައި، ވާޓަރުން ފެށިގެން 15 ފޫޓް އެއްގަމަށް ޕޭވްމަންޓެއްވެސް ވަނީ ހަދާފައެވެ. އަދި ބަނދަރު މަގުގައި ބައްތި ޖެހުންވެސް މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންގޮސްފައިވެއެވެ.500 ފޫޓް ދިގު 250 ފޫޓް ފުޅާ މި ބަނދަރަކީ 2003 ވަނަ އަހަރުން ފެށިގެން އެރަށުގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި ކައުންސިލާއި ބަނދަރު ރަސްމީކޮށް ހަވާލުކުރާއިރު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް އަންނާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ކުޑަފަރީ ކައުންސިލް މެމްބަރު ފާއިޒް ވިދާޅުވިއެވެ.ސަރުކާރުން 2014 ވަނަ އަހަރު ކުރީކޮޅު ކުޑަފަރީ ބަނދަރު އެމްޓީސީސީ އާއި ހަވާލުކުރީ، ސޮއިކުރި ތާރީޚުން ފެށިގެން 260 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.ޕީ އެސް އެމް އަށް މައުލޫމާތު ދެއްވަމުން އެމް ޓީ ސީ ސީ ގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުންޏާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ކުޑަފަރީ ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާފައިވާ ކަމަށާއި އަދި ވެހިކަލްތައްވެސް މިހާރު އެރަށުން ބާލަން ފަށާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ކަންބޮޑުވުން ތަކުގެ ތެރޭގައި ހިމެނޭ ނެރުގެ އިރުމަތީ ފައިކަށީގެ މައްސަލާގައި އެކުންފުނިން އިތުރު ސާރވޭ ކުރުމަށްފަހު ބަދަލެއް ގެންނަންޖެހޭނަމަ އެބަދަލެއް ގެނެސްދޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.