ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޒަމާނީ ލޭބަރ ރޫމަކާއި ސެންޓްރަލް ސްޓެރައިލް ޑިޕާޓްމަންޓް ސާރވިސް (ސީއެސްއެސްޑީ) ޔުނިޓް ހެދުމަށް ބަޔަކާ ޙަވާލުކޮށްފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި ލޭބަރ ރޫމާއި ސީއެސްއެސްޑީ ޔުނިޓް ހެދުމަށް ހަވާލުކޮށްފައިވަނީ ވޭވްލެންތް ކުންފުންޏާ އެވެ.
80 ދުވަސްތެރޭގައި ހަދައި ނިންމާގޮތަށް މި ދެ ތަންވެސް ހަދަން ހަވާލުކޮށްފައިވަނީ 1.3 މިލިއަން ރުފިޔާއަށެވެ. މި ދެ ތަން ހެދުމަށް ހަމަޖެހިފައިވަނީ ކުރީގެ އޮޕަރޭޝަން ޓިއޭޓަރުގެ ގޮތުގައި ބޭނުންކުރި ސަރަހައްދާއި މިހާރު ލޭބަރު ރޫމެއްގެ ގޮތުގައި ބޭނުންކުރާ ތަނުގަ އެވެ.
މިހާރު ލޭބަރ ރޫމްގެ ގޮތުގައި ބޭނުން ކުރަމުންދަނީ އާދައިގެ ރޫމެއްގައެވެ. ސީއެސްއެސްޑީ ޔުނިޓްގެ ޚިދުމަތަކީ އޮޕަރޭޝަންކުރަން ބޭނުންކުރާ ތަފާތު ވަސީލަތްތަކާއި އެކަމާ ގުޅުން ހުރި ބައެއް ސާމާނުތައް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ސާފުކޮށް ރައްކާތެރިކަމާއެކު ބަހައްޓަން ބޭނުންކުރާ ތަނެކެވެ.
މިކަމާ ބެހޭ އެއްބަސް ވުމުގައި އެހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެތާގެ މެނޭޖަރު އަޙްމަދު ދާއޫދެވެ. ވޭވްލެންޗުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު ޔޫނުސް އިބުރާހީމެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރެއްހަދައިހަދައި ދާދިފަހުންވަނީ ހިދުމަތް ދޭންފަށާފައެވެ.