ޚަބަރު

ކިހާދޫސްކޫލް، އޮސްޓްރޭލިއާ ގުޅިފައި


ކިހާދޫ ސްކޫލާއި އޮސްޓްރޭލިއާގެ ރޮކްޒީބަރގް ރައިޒް ޕްރައިމަރީ ސްކޫލާ ދެމެދު ފުރަތަމަ ފަހަރަށް ސްކައިޕް މެދުވެރިކޮށް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ތަޢުލީމު ފޯރުކޮށްދިނުމަށް އާ މަންހަޖުގައި ހިމެނިފައިވާ ބައިތައް ކިހާދޫ ސްކޫލްގައި ތަންފީޒުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ މިޕްރޮގްރާމަށް ދެ ސްކޫލްގެ ދަރިވަރުން ތަޢާރަފުކުރުމަށްކަމަށް ކިހާދޫ ސްކޫލުން މަޢުލޫމާތުދެއްވައެވެ.

އެގޮތުން މިސެޝަންގެ ތެރެއިން އޮސްޓްރޭލިއާގެ ރޮކްޒީބަރގް ރައިޒް ޕްރައިމަރީ ސްކޫލްގެ ދަރިވަރުން ރާއްޖެއާއި ރާއްޖޭގެ ރަށްތަކާއި ގުޅޭގޮތުން ދަރިވަރުންނާއި ސުވާލުކޮށްފައިވާކަމަށް ކިހާދޫ ސްކޫލުން މަޢުލޫމާތުދެއެވެ. އަދި އޮސްޓްރޭލިއާއާގުޅޭ މައުލޫމާތާއި ކިޔެވުމާ ގުޅުންހުރި މަޢުލޫމާތު އެސްކޫލްގެ ދަރިވަރުންގެ ކިބައިން ކިހާދޫ ސްކޫލް ކުދިން އަހާފައިވާކަމަށް އެސްކޫލުން ވިދާޅުވެއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން ކިހާދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޒުބައިރު ވިދާޅުވީ މިއީ މަންހަޖުގައި ހިމެނޭ ބައެއް ތަންފީޒުކުރުމަށް ސްކޫލުން ކުރިކަމެއް ނަމަވެސް މިކަން ހާސިލުވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީގެ ދައުރު ވަރަށް ބޮޑުކަމަށެވެ. 16 ކުދިން ބައިވެރިވި މި ޕްރޮގްރާމްގައި ކިހާދޫ ސްކޫލްގެ ގުރޭޑް 4 އާއި 5 ގެ ދަރިވަރުން ބައިވެރިވެފައިވާއިރު ރޮކްޒީބަރގް ރައިޒް ޕްރައިމަރީ ސްކޫލުންވެސް ބައިވެރިވި އެގުރޭޑުތަކުގެ ދަރިވަރުންކަމަށް ކިހާދޫ ސްކޫލުން ވިދާޅުވެއެވެ.

މިޕްރޮގްރާމްގެ ފެސިލިޓޭޓަރެއްގެ ގޮތުން ޙަރަކާތްތެރިވެވަޑައިގަންނަވަނީ ޔުނިވަރސިޓީ އޮފް މެލްބަންގެ ބޭފުޅެއްކަމަށްވާ ޑރ.ރޮންޑާއެވެ. ދެޤައުމުގެ ގަޑީގެވަގުތު ތަފާތު ހުރުމުގެ ސަބަބުން މިޕްރޮގްރާމް ކުރިއަށްގެންދިޔައީ ރޮކްޒީބަރގް ރައިޒް ޕްރައިމަރީ ސްކޫލްގެ ދަރިވަރުންގެ ސެޝަން ނިމޭ ގަޑިއަދި ރާއްޖޭގެ ސްކޫލްތައް ފެށޭ ގަޑިއާ ދިމާކޮށް ރާއްޖެ ގަޑިން ހެނދުނު 06:30 ގައިކަމަށް ކިހާދު ސްކޫލުން މަޢުލޫމާތުދެއެވެ.

މަންހަޖުގައި ހިމެނޭ ދެމެހެއްޓެނިވި ގޮތެއްގައި ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މިޕްރޮގްރާމުގެ ތެރެއިން އޮސްޓްރޭލިއާގެ ރޮކްޒީބަރގް ރައިޒް ޕްރައިމަރީ ސްކޫލުން ކުރިއަށްގެންދާ ދެމެހެއްޓެނިވި ބައެއް ކަންކަން ކިހާދޫ ސްކޫލްގައި ފެށުމަށް ރަވާފައިވާކަމަށް ޕްރޮންސިޕަލް މުޙައްމަދު ޒުބެއިރު ވިދާޅުވެއެވެ. އެގޮތުން ރާއްޖޭގެ ސްކޫލްތަކުގައި ޢާއްމުގޮތެއްގައި މާ އާޅާ ގަސްތައް ހެއްދިނަމަވެސް މިޕްރޮގްރާމްގެ ތެރެއިން ކިހާދޫ ސްކޫލުން ތަރުކާރީގެ ބާވަތްތައް ސްކޫލްގައި ހެއްދުމަށް ދަރިވަރުންނަށް ބާރުއެޅުމަށްވަނީ ނިންމާފައެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ ނާސްތާ ޕްރޮގްރާމުގެ ތެރެއިން އުކާލާ ކާނާގެ ބާވަތްތަކާއި ކޮމްޕޯސްޓް ކުރެވޭފަދަ ކުނީގެ ބާވަތްތައް ބޭނުންކޮށްގެން ގަސްކާނާ އުފެއްދުން ހިމެނޭކަމަށް އެސްކޫލުން މަޢުލޫމާތު ދެއެވެ. އަދި ޕްލާސްޓިކާ ދެކޮޅަށް ކިހާދޫ ސްކޫލުން ކުރަމުންގެންދާ މަސައްކަތްތަކަމަސް އިތުރު ފުރުސަތުތަކެއް ރޮކްޒީބަރގް ރައިޒް ޕްރައިމަރީ ސްކޫލާއެކު ކުރިއަށްގެންދާ ޕްރޮގްރާމުން ފަހިވެގެންދާނެކަމަށް ކިހާދޫ ސްކޫލުން ވިދާޅުވެއެވެ.

ކިހާދޫ ސްކޫލްގެ ޕްރޮންސިޕަލް ވިދާޅުވީ މިޕްރޮގްރާމް މިހަފްތާގެ ތެރޭގައި ފެށިނަމަވެސް މިޕްރޮގްރާމް ކުރިއަށްގެންދިޔުމަށް އަދި ވަކި ތާވަލެއް ކަނޑައަޅާފައިނުވާކަމަށެވެ. އެހެންނަމަވެސް މިދެ ސްކޫލްގައި ކުރިއަށްގެންދާ ޚާއްސަ އިވެންޓުތަކާއި ދިމާކޮށް ސްކައިޕް ސެޝަންތައް ކުރިއަށްގެންދިޔުމުގެ ވިސްނުން 2 ސްކޫލުންވެސް ގެންގުޅޭކަމަށެވެ. ކިހާދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ ސެޝަންއާއި ގުޅެގޮތުން ޑރ.ރޮންޑާ ވަނީ ބެލެނިވެރިންނާއި ރަށު ކައުންސިލަށް ސެޝަން ފެށުމުގެ ކުރިން މަޢުލޫމާތުދެއްވާފައެވެ. މިކަމާގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2 ސްކޫލްގެ ދަރިވަރުން ސިޓީ އަދި އީމެއިލް މެދުވެރިކޮށް ކިޔެވުމާ ގުޅޭ މަޢުލޫމާތު ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އޮސްޓްރޭލިއާގެ ރޮކްޒީބަރގް ރައިޒް ޕްރައިމަރީ ސްކޫލަކީ އޮސްޓްރޭލިއާގެ ސްކޫލް ރޭންކިންގއަށް ބަލާއިރު ފައިވް ސްޓަރ ސްކޫލެކެވެ.