ޚަބަރު

ޒަކާތު ފަންޑުން 865 މީހެއްގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިފި


މާލީ ގޮތުން ދަތިކަން ހުރި މީހުންނަށް ބޭސްފަރުވާ ކުރުމަށް މިއަހަރުގެ މިހާތަނަށް ޒަކަތު ފަންޑުން އަށްސަތޭކަ ފަސްދޮޅަސް ފަސް މީހުންނަށް އެހީ ހަމަޖައްސާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާލުވެއްޖެއެވެ.

ފުދުންތެރިކަން ނެތްމީހުން ބޭސް ފަރުވާ ކުރުމަށް ޒަކާތު ފަންޑުންދޭ އެހީއާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައިވާގޮތުން 15 އޮކްޓޯބަރ 2019ގެ ނިޔަލަށް 944 މީހުން ބޭސްފަރުވާ ކުރުމަށް އެހީއަށް އެދި ހުށަހަޅާފައިވެއެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 865 މީހުންނަށް މިހާރު އެހީ ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީގެ ރިޕޯޓުގައިވެއެވެ.

މިހާތަނަށް ޒަކާތު ފަންޑުން، ދިހަ މިލިއަންްއަށްވުރެ ގިނަ ރުފިޔާ ބޭސްފަރުވާއަށް ވަނީ ޚަރަދު ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފައިވާ ރިޕޯޓުގައި ވާގޮތުން 25 ބައްޔަކަށް ވަނީ އެހީ ދީފައެވެ. އެގޮތުން އެންމެ ގިނައިން މީހުން އެދިފައިވަނީ ކެންސަރު ބަލީގެ ފަރުވާއަށް އެހީ ހޯދުމަށެވެ. މި ބައްޔަށް 102 މީހަކު ވަނީ އެހީއަށް އެދިފައެވެ. ދެން އެންމެ ގިނަ މީހުން އެދެފައިވަނީ ކިޑްނީގެ މައްސަލައާއި ލޮލުގެ ބައްޔަށެވެ.

އިސްލާމިކް މިނިސްޓްރީން ވަރަށް ފަހުން ވަނީ ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެދި ހުށަހަޅާ ފޯމަށް ބަދަލު ގެނެސްފައެވެ. ފޯމަށް ގެނައި ބަދަލުތަކާއެކު އިތުރު ތަފްސީލްތައް ހިމަނަން ޖެހެއެވެ..

ޒަކާތު ފަންޑުން އެހީ ލިބޭ ދާއިރާތަކުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެޑްމިޓް ނުވެ، އާސަންދައިން ނުވަތަ އެނޫން ގޮތަކުން ވެސް އެހީ ނުލިބޭ ނުވަތަ ލިބޭ އެހީއަކުން ނުފުދޭ ފަރާތްތައް ހިމެނެއެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންގެ ތެރެއިން ބޭސްފަރުވާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އާސަންދައިން އެހީ ނުލިބޭ ނުވަތަ ލިބޭ އެހީއަކުން ނުފުދޭ ފަރާތްތަކަށްވެސް ޒަކާތު ފަންޑުން އެހީތެރިވެއެވެ. މީގެ އިތުރުން ފުރާނައަށް ނުރައްކާވާ ޙާލަތުގައި އަތޮޅުތެރޭގެ ރަށްތަކުން މާލެއަށް ގެންނަންޖެހޭ ބަލިމީހުންނާއި ރާއްޖެއިން ފަރުވާ ލިބެންނެތް ބަލިތަކަށް ބޭސްފަރުވާކުރުމަށްވެސް ޒަކާތު ފަންޑުން އެހީ ފޯރުކޮށްދެއެވެ.