ޚަބަރު

"ދަ ވައިޓް ފަޔަރ" ފޮޓޯ މައުރަޒު ޢާންމުންނަށް ހުޅުވާލައިފި


މޫސުމީ ބަދަލުތަކުގެ ސަބަބުން މުރަކައިގެ ވެއްޓަށް އަންނަމުންދާ ބަދަލުތައް ދައްކުވައިދޭ ފޮޓޯ މައުރަޒު "ދަ ވައިޓް ފަޔަރ" ޢާންމުންނަށް ހުޅުވާލައިފިއެވެ.

ރޭ އާޓްގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި މައުރަޒު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސައިން ރަޝީދު ހަސަނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ. ބައިނަލްއަގުވާމީ އެވޯޑު ހޯދާފައިވާ ފޮޓޯގްރާފަރ މުޙައްމަދު އަޒްމީލް ނަގާފައިވާ ފޮޓޯތައް ހިމެނޭ ފޮޓޯ މައުރަޒު "ދަ ވައިޓް ފަޔަރ" މި މަހުގެ 24ގެ ނިޔަލަށް ނޭޝަނަލް އާޓް ގެލެރީގައި އޮންނާނެއެވެ. މައުރަޒު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 10އިން ރޭގަނޑު 10 އަށެވެ.

މައުރަޒު ފެށުމުގެ ގޮތުން ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ ޤައުމީ ފެންވަރުގައި މުރަކަ ދިރުވައި އާލާކުރަން ޖެހިފައިވާކަމަށެވެ. އެގޮތުން ނާޒުކު ދިރޭ އެއްޗެއްގެ ސަބަބުން އުފެދިފައިވާ ރާއްޖޭ އަންނަނިވި ޖީލުތަކަށް ފޯރުކޮށްދިނުމަށް މުރަކަތަކަށް ލޯބިކުރުން މުހިންމު ކަމަށެވެ. މުރަކަ ތަކަށް ދިވެހިން ލޯބި ނުކޮށް މުސްތަގުބަލަށް ޖަޒީރާ ރާއްޖެ އެއް ފޯރު ނުކޮށްދެވޭނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އާޓް ގެލެރީގައި ކުރިއަށްދާ މައުރަޒަކީ އެވޯޑް ހޯދާފައިވާ ފޮޓޯގްރާފަރު އަޒްމީލާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ އިތުރުން ވިޒިޓް މޯލްޑިވްސް އާއި ޖުމައިރާ ވިއްޓަވެލި ރިސޯޓް ގުޅިގެން ކުރިއަށްގެންދާ މައުރަޒެކެވެ. "ދަ ވައިޓް ފަޔަރ" މައުރަޒުގެތެރެއިން ޢާންމުންނަށް ހުޅުވާލައިގެން ސެޝަންތަކެއް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.