ޗައިނާއާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން މެލޭޝިޔާގެ އިޤްތިޞާދަށް ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށް އެޤައުމުގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެއްޖެއެވެ.
މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން މަހާތިރު ވިދާޅުވީ ޗައިނާ-އެމެރިކާ ވިޔަފާރީގެ ހަނގުރާމައިގެ ތެރެއިން އެކްސްޕޯޓަށް ބަރޯސާވެފައިވާ މެލޭޝިޔާއަށްވެސް ދަތިކުރުމުގެ ފިޔަވަޅުތަކެއް އައުމަކީ އެކަށީގެންވާކަމެއްކަމަށެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަންނާނީ ކޮން ޤައުމަކުންކަމެއް މަހާތިރު ވިދާޅެއްނުވެއެވެ.
މަހާތިރު ވިދާޅުވީ ޗައިނާއާއި އެމެރިކާއާއި އިޤްތިޞާދީގޮތުން މެލޭޝިޔާއާ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ޤައުމުކަމަށެވެ. ނަމަވެސް އެހަނގުރާމައިގެ މެދަށް މެލޭޝިޔާވެސް އައިސްފައިވާކަން މަހާތިރު ވިދާޅުވިއެވެ.
މިއަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސިންގަޕޫރަށްފަހު އެމެރިކާއާއި ޗައިނާއަކީ މެލޭޝިޔާއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓްކުރާ ދެ ޤައުމެވެ.
އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން މެލޭޝިޔާގެ އިޤްތިޞާދަށް ނުރައްކާވެފައިވާއިރު، އީޔޫގެ ޤައުމުތަކުންވެސް މެލޭޝިޔާއަށް އިޤްތިޞާދީ ގޮތުން ޖެއްސުންކުރުމުގެ އަމަލުތައް ހިންގާކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ތުހުމަތުކުރެއްވިއެވެ. އެގޮތުން މެލޭޝިޔާގައި އުފައްދާ ކާށިތެޔޮ ޔޫރަޕަށް އެތެރެކުރުން މަނާކުރުމަށް ޔޫރަޕްގެ ބައެއް ޤައުމުތަކުން ހިންގާ ކެމްޕެއިނަކީ ޖެއްސުންކުރުމުގެ އަމަލެއްކަމަށް މަހާތިރު ސިފަކުރެއްވިއެވެ. ކާށި ތެލުން ލިބޭ އާމްދަނީއަކީ މެލޭޝިޔާގެ ޖީޑީޕީގެ 2.8 އިންސައްތަ ހިއްސާކުރާ އެއްޗަކަށްވާއިރު، މިއީ އެޤައުމުގެ ޖުމްލަ އެކްސްޕޯޓުގެ 4.5 އިންސައްތަވެސްމެއެވެ.
މީގެ އިތުރުން ކަޝްމީރު މައްސަލައިގައި މެލޭޝިޔާގެ ވިސްނުން ހުރިގޮތުން އިންޑިއާއިންވެސް މެލޭޝިޔާގެ ކާށި ތެޔޮ އެތެރެކުރާ މިންވަރު މަދުކުރުމުގެ ބިރު އެބައޮތްކަމަށް ޚަބަރުތައް ބުނެއެވެ.