ޚަބަރު

ހުޅުމީދޫގައި ބޭއްވި ސިޔާ ކަޕް ހިތަދޫގެ ކްލަބް ރިވެރިންއިން ކާމިޔާބުކޮށްފި


އައްޑޫސިޓީ ހުޅުމީދޫގައި ބޭއްވި ސިޔާ ކަޕް ފުޓްސަލް މުބާރާތް ހިތަދޫގެ ކްލަބް ރިވެރިން ކާމިޔާބު ކޮށްފިއެވެ.

ޗެމްޕިއަން ޓީމަކަށް 10 ހާސް ރުފިޔާ ހުށަހަޅާފައިވާ މިމުބާރާތް ކްލަބް ރިވެރިން ކާމިޔާބު ކުރީ، ފޭދޫ އެފްސީ އާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-5ގެ ނަތީޖާއިންނެވެ. ވާދަވެރި ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 1-1 އިން ވަނީ އެއްވަރުވެފައެވެ. މެޗުގު ލީޑް ކްލަބް ރިވެރިން ފުރަތަމަ ހާފުގައި ނެގި އިރު ދެވަނަ ހާފުގައި ފޭދޫ އެފްސީ ވަނީ އެއްވަރު ކޮށްފައެވެ.

މުބާރާތް ނިމިމުގެ ރަސްމީއްޔާތުގައި މެޗުގެ އެކި ވަނަތަކަށް ދިޔަ ޓީމް ތަކާއި ކުޅުންތެރިންނަށް ވަނީ އިނާމް ދީފައެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ރިވެރިންގް ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ފޭދޫ އެފްސީގެ އަބްދުﷲ އިމްރާން ހޮވުނުއިރު، އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ ފޭދޫ އެފްސީގެ މުހައްމަދު އާނިސްއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަ ޓީމުން ބައިވެރިވިއެވެ. މުބާރާތް ކުރިއަށް ދިޔައީ ދެ ގުރޫޕަށް ބަހާލައިގެންނެވެ. ގުރޫޕް އޭ ގައި ހިމެނޭ ޓީމްތަކަކީ ފޭދޫ އެފްސީ، ކްލަބް ރިވެރިން އެފްސީ އަދި އެފްސީ ބާކީ އެވެ. ގުރޫޕް ބީގައި ހިމެނުނީ ޓީމްތަކަކީ ހުޅުމީދޫ ޕޮލިސް، ގައުމު އެފްސީ އަދި ގައުމު ޖޭއާރްއެވެ. މުބާރާތުގެ މެޗްތައް ކުރިއަށް ދިޔައީ މިމަހުގެ 10 އިން 13 އަށެވެ.

މިއީ މީދޫ ޒުވާނުންގެ މެދުގައި ފުޓްބޯޅަ ކުރިއަރުވުމުގެ ބޭނުމުގައި 2018 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ މަޤްސަދަކީ މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދެހިކޮށް، ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމާ އެކު އިޖްތިމާއީ ދުޅަހެޔޮކަން އާލާކޮށް ކުޅިވަރުގެ ރޫހް އާލާކުރުމަށް ބާއްވާ މުބާރާތެކެވެ. މިމުބާރާތުގެ ރަނަރަޕް ޓީމަށް 3000ރ ގެ އިނާމެއް ވަނީ ދީފައެވެ.