ޤުދުރަތީ ގޮތުން އެއްފަޅެއްގައި ހިމެނޭ ތިންރަށްކަމުގައިވާ ގޮއެދުއާއި، ފުޅަދުއާ ފެހެންދުއަކީ ތިމާވެށީގެ ހިތްގައިމު މަންޒިލެކެވެ. މިތިން ރަށުގެ ތެރެއިން ފެހެންދޫއާއި، ފުޅަދޫ ރައްޔިތުންގެވެސް އެންމެ ބޮޑު އެއްކަންބޮޑުވުމަކީ ލަފާ ފުރުމުގެ ދަތިކަމެވެ. މިކަމަށް އަވަސް ހައްލެއް ސަރުކާރުން ހޯދައި ދިނުމަކީ ފުޅަދޫ ރައްޔިތުންގެ އުންމީދެވެ.
އެއަތޮޅުގެ މީހުންގެ މެދުގައި ގޮއިދޫ އަތޮޅުގެ" ނަމުން މަޝްހޫރުވެފައިވާ މިސަރަހައްދުގައި އޮންނަ 11 މޭލު ގެ މިފަޅުތެރޭގައި ދަތުރު ކޮށްލުމަކީ ބައެއް ޙާލަތްތަކުގައި ނުރައްކާ ކަމެކެވެ. އިމަރޖެންސީގައި މާބަނޑުމީހުން ގޮވައިގެން ފުރަންޖެހޭ ބައެއް ވަގުތު ތަކުގައި ދިޔަވަރު ހިކިފައި އޮތުމުގެ ސަބަބަބުން ނުފުރިގެން ބައެއް މިހުންގެ ފުރާނަ ގެއްލިގެން ގޮސްފައި ވެއެވެ. ފުޅަދޫ ރައްޔިތުން މާލެ ދަތުރު ކުރުމަށާ، މާލެއިން ނުވަތަ އެހެން ތަނަކުންވެސް އަައިސް ފައިބާނީ އެއްފަޅެއްތެެރޭގައި އޮންނަ ގޮއިދޫއަށެވެ. ފިނޮޅު ތައް މިސަރަޙައްދުގައި ފުޅަދޫއަށް ވަދެވޭނީ ވަކި ދިމާއަކުން ކަމަށް ވާތީ، ބައެއް މޫސުމުގައި ތިލަހިސާބުން ދިގު ދަތުރެއް ކުރަން ޖެހެއެވެ. އެއީ އެރަށުގައި ޢާއްމުކޮށް ދަތުރު ކުރަމުންދާ ޑިންގީއެއްގައި ކުރަން ޖެހޭ ވިއްސަކަށް މިނިޓްގެ ދަތުރެކެވެ.
ފުޅަދޫ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތްތަކީ މަސްވެރިކަމާ ގެސްޓްހައުސް ވިޔަފާރިއެވެ. މަސްވެރިކަމަށް ބޭނުން ކުރާ އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ލަފާ ފުރުމުގެ ދަތިކަމަކީ މިރަށްރަށުގެމީހުންގެ އެންމެބޮޑު އެއްޝަކުވާއެވެ.
ފުޅަދޫގެ ބައެއް ރައްޔިތުން ބުނީ ލަފާ ފުރުމުގެ ޝަކުވާއެއް އެރަށު މީހުން މިހާރު ނުކުރާކަމަ ށެވެ. އެއީ މިކަމުގެ މާބޮޑު އުއްމީދެއްނެތުމުން ކަމަށް އެމީހުން ބުނެއެވެ.
ފުޅަދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލީ އަޒްހަރު ވިދާޅުވީ ބަނދަރެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ސަރުކާރުގެ އެކި އިދާރާތަކާ އެކިފަހަރުމަތިން ހިއްސާކޮށްފައިވާކަމަށެވެ.
ސަރުކާރުން މިހާރުވަނީ މިއަހަރުގެ ބަޖެޓްގައި ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ހިމަނާފައެވެ. މިކަމަކީ އެރަށު ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއްކަމަށް ކައުންސިލްގެ ޒިންމާދާރުވެރިޔާ ވިދާޅުވިއެވެ.
ބޭރުގެ ފަތުރުވެރިންނާ ދިވެހިންގެ މަޤްބޫލުކަން ހޯދާފައިވާ، ރީތި މަންޒިލެއްގޮތުގައި ސިފަވެފައިވާ މިރަށްތަކުގައި ފަތުރުވެރިކަމުގެ ޞިނާއަތް ދަނީ ފުޅާ ވަމުންނެވެ. އަދި މިކަމަށް ދިމާވާ އެންމެ އުނދަގޫ ކަމަކަށްވެފައިވަނީ ލަފާ ފުރުމުގެ ދަތިކަމެވެ.