ޚަބަރު

ސާކު ލިޓްރަރީ އެވޯޑު ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއަށް


ސާކު ލިޓްރަރީ އެވޯޑު ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއަށް ދީފިއެވެ.

މި އެވޯޑު ދީފައިވަނީ މިހާރު އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދާ ދެކުނު އޭޝިޔާގެ އަދަބީ މަހާސިންތާގެ ތެރެއިންނެވެ. މި އެވޯޑަކީ އަދަބިއްޔާތަށް ޚިދުމަތްކުރާ ފާރާތްތަކުގެ އަގުވަޒަންކޮށް ކޮންމެ އަހަރަކުވެސް ދެމުން ގެންދާ އެވޯދެކެވެ. މިގޮތުން މިއަހަރުގެ މި އެވޯޑު އަޝްރަފުގެ އިތުރުން އިތުރު ދެ ބޭފުޅަކަށް ވަނީ ލިބިފައެވެ. މިއަހަރުގެ މިއެވޯޑު އަޝްރަފަށް ލިބިފައިވަނީ އޭނާ ލިޔެފައިވާ ފޮތްތަކާއި ލިޔުންތަކާއި ކިޔަވައިދިނުމާއި އަދަބިއްޔާތު ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށްފައެވެ. މިއީ މި އެވޯޑު ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

މި މަހާސިންތާއަކީ ސާކު ޤައުމުތަކުގެ ލިޔުންތެރިންނާއި އަދަބިއްޔާތާ ބެހޭ ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވަނީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ތަޤްރީރުކުރައްވާފައެވެ.

މި މަހާސިންތާގައި ރާއްޖެއިން ކަރުދާހެއް ހުށައެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރާއްޖެއިން ހުށައަޅާ ކަރުދާހަކީ ރާއްޖޭގައި އަދަބިއްޔާތުގެ މިހާރުގެ ހާލަތާއި އަދަބިއްޔާތު ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި އަދަބިއްޔާތު ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން މި މަހާސިންތާގައި ރާއްޖެއިން ޅެމެއް ހުށައެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަހާސިންތާގެ ތެރެއިން އެކި ޤައުމުތަކުގެ އަދަބިއްޔާތާ ގުޅޭ ގޮތުން މަޝްވަރާކޮށް މިދާއިރާ ކުރިއެރުވުމަށް ހުރި ދަތިތަކާއި ހައްލުކުރަން ކުރެވިދާނެ މަސައްކަތްތަކާ ގުޅެގޮތުންވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ 1962ވަނަ އަހަރުން ފެށިގެން ސާކުގެ ޤައުމުތަކުގެ މެދުގައި އަދަބިއްޔާތާއި ލިޔުންތެރިންގެ މަސައްކަތް ދަމަހައްޓައި ތަރައްޤީކޮށް އެއްޤައުމު އަނެއްޤައުމުގެ އަދަބީ ސިންދަފާތު ހިއްސާކޮށް ތަޢާރަފް ކުރުމަށް ބާއްވަމުން އަންނަ މަހާސިންތާއެކެވެ. މިއަހަރު ކުރިއަށްދަނީ 57 ވަނަ މަހާސިންތާއެވެ.

މީގެއިތުރުން ނޭޕާލްގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއާ ލިޓްރޭޗަރ ފޯރަމް 2019 ގައި ރާއްޖޭގެ ފޯކްލޯއާއި އެހެން ޤައުމުތަކުގެ ފޯކްލޯއާއި ހުރި ގުޅުމާ ބެހޭ ގޮތުން ދިވެހިބަހުގެ އެކަޑަމީގެ ނައިބް ރައީސް ވަނީ ކަރުދާހެއް ހުށައަޅާފައެވެ. މި ފޯރަމްވެސް ކުރިއަށްދަނީ މިމަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.