ވިޔަފާރި

އެކުޅިވަރުގައި ރިސޯޓެއް ތަރައްޤީކޮށް، ހިންގާނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި


އެސްޓީއޯއަށް ދީފައިވާ ނ.އަތޮޅު އެކުޅިވަރުގައި ރިސޯޓެއް ތަރައްޤީކޮށްގެން ހިންގާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ނ.އަތޮޅު އެކުޅިވަރުގައި ރިސޯޓެއް ތަރައްޤީކޮށްގެން ހިންގުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންނަމަހުގެ 6 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އެސްޓީއޯއަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަންޖެހޭނެކަމަށެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، އީ.އޯ.އައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރިސޯޓް ތަރައްޤީކުރުމުގެ ބިޑުގައި ބައިވެރިވެވޭނެ ފަރާތްތައް ކަނޑައަޅާނީ، އީ.އޯ.އައިތައް އިވެލުއޭޓްކުރުމަށްފަހުކަމަށެވެ.

ނ. އަތޮޅު އުތުރުން އޮންނަ 19.2 ހެކްޓަރުގެ އެކުޅިވަރަކީ 2017 ވަނަ އަހަރު ސަރުކާރުން އެސްޓީއޯއަށް 50 އަހަރަށް ދީފައިވާ ރަށެކެވެ. ސަރުކާރުން އެސްޓީއޯއަށް މިރަށް ދީފައިވާއިރު 2008 ވަނަ އަހަރު ސަރުކާރުން ވަނީ މިރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް އެމްޓީޑީސީއާވެސް ޙަވާލުކޮށްފައެވެ. ނަމަވެސް ބޭރުގެ ކުންފުންޏަކާއެކު ރިސޯޓެއް ތަރައްޤީކުރުމަށް އެމްޓީޑީސީން ކުރި މަސައްކަތް ނާކާމިޔާބުވުމުން ސަރުކާރުން ވަނީ އެމްޓީޑީސީއާއެކު ހަދާފައިވާ އެއްބަސްވުން 2016 ވަނަ ބާތިލުކޮށް، ރިސޯޓު ސަރުކާރަށް ނަގާފައެވެ.

ރިސޯޓެއް ތަރައްޤީކުރުމަށް މިރަށް 2017 ވަނަ އަހަރު އެސްޓީއޯއާ ޙަވާލުކޮށްފައިވާއިރު، އެސްޓީއޯއިން މީގެކުރިންވެސް ވަނީ ރިސޯޓް ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތްކޮށްފައެވެ. މިގޮތުން ހުޅުމާލޭގައި 250 ކޮޓަރީގެ ހޮޓަލެއް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، އެކަން އެކުންފުންޏަށް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އެސްޓީއޯއިން މިހާރު ދަނީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހޮޓާ ގަންނާނެ ބަޔަކު ހޯދަމުންނެވެ.