ޚަބަރު

އެއަރޕޯޓުގެ އާ މަޝްރޫޢުތައް ދެން ހިންގާނީ ޕްލޭނިންގ މިނިސްޓްރީން - ނަހުލާ


ކުރިއަށްއޮތްތާނގައި އެއަރޕޯޓް ތަރައްޤީކުރުމުގެ އާ މަޝްރޫޢުތައް ކުރިއަށްގެންދާނީ ޕްލޭނިންގ މިނިސްޓްރީންކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުންގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގެއިން އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ހިމެނޭހެން ރާއްޖޭގައި މިހާރުވެސް 13 އެއަރޕޯޓަކުން ގެންދަނީ ޚިދުމަތްދެމުންނެވެ. އަދި އިތުރު 6 އެއަރޕޯޓްގެ މަސައްކަތް މިހާރުވެސް އެބަ ކުރިއަށްގެންދެއެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ އެއަރޕޯޓް އެޅުމުގެ މަޝްރޫޢުތަކަކީ ދަޢުލަތުން ބޮޑު ހޭދައެއް ކުރަމުން އަންނަ ދާއިރާއެއް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ، ރީޖަނަލް އެއަރޕޯޓްސްގެ ދަށުން މިހާރު މަސައްކަތް ކުރިއަށްދާ 6 އެއަރޕޯޓާއިއެކު އަންނަ އަހަރު ނިމޭއިރު ރާއްޖޭގައި 19 އެއަރޕޯޓަކުން ޚިދުމަތް ދެމުން ގެންދާނެއެވެ.

"ޓްރާންސްޕޯޓް މިނިސްޓްރީ މި ސަރުކާރުން އުފައްދަވައި، ރީޖަނަލް އެއަރޕޯޓްސްގެ މަސައްކަތްތައްވަނީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. ނަމަވެސް ސަރުކާރުން މިހާރުވަނީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ރީޖަނަލް އެއަރޕޯޓްސްގެ މެންޑޭޓުން ނަގައި، ޕްލޭނިންގއަށް ބަދަލުކޮށްފަ. ދެން ކުރިއަށްގެންދާ އާ އެއަރޕޯޓް މަޝްރޫޢުތައް ކުރިއަށްގެންދާނީ ޕްލޭނިންގއިން، އެހެންކަމުން އެކަމާއި ގުޅޭ އެއްޗެއް ދެން މި މިނިސްޓްރީން ދެންނެވޭކަށްނެތް." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތްކުރަމުންދަނީ މިއަހަރު ތެރޭގައި މާފަރާއި، ފުނަދުއާއި، މާވަރުލުގެ އެއަރޕޯޓްގެ މަސައްކަތް ނިންމައި ޚިދުމަތް ފެށުމަށެވެ. އަދި އަންނަ އަހަރު ހޯރަފުއްޓާއި، މަޑިވަރާއި، ފަރެސްމާތޮޑާގެ އެއަރޕޯޓް މަސައްކަތް ނިންމައި ޚިދުމަތް ފަށާނެއެވެ.

އެއަރޕޯޓް މަޝްރޫޢުތަކަކީ ރައްޔިތުންނަށް ލިބޭ އިޖްތިމާޢީ ފައިދާގެ އިތުރުން މުޅި ރާއްޖޭގެ އިޤްތިޞާދަަށް ބޮޑު މަންފާއެއް ހޯދޭނެ މަޝްރޫޢެއްކަން މިނިސްޓަރވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙާއްދުތަކުގައި ގިނަ ރިސޯޓްތައް ހަދަމުންދާއިރު، އެއަރޕޯޓްތަކާއިއެކު ރިސޯޓްތަކުގެ އޮކިއުޕެންސީ މަތި ކުތެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެއަރޕޯޓް ހިންގާ ބަލަހައްޓައިގެން ދަޢުލަތަށް ސީދާ ފައިދާއެއް ނުވެ. ނަމަވެސް ފަތުރުވެރިކަމަށް ޢަމާޒްކޮށް ޚިދުމަތް ފުޅާކުރެވިއްޖެނަމަ ފައިދާވާނެ." މިނިސްޓަރ ވިދާޅުވިއެވެ.