ޚަބަރު

ދ.އަތޮޅުން ކުއްލި ޙާލަތުގައި ވައިގެމަގުން ބަލި މީހުން މާލެއަށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސަނީ


ދ.އަތޮޅުން ކުއްލި ޙާލަތުގައި ވައިގެ މަގުން ބަލި މީހުން މާލެއަށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ދ.އަތޮޅު ހޮސްޕިޓަލުގެ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކުރިއަށް އޮތީ ދ.އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ދުވަސްތަކެއްކަމަށެވެ. ރައީސް ވިދާޅުވީ، ދ.އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތް ފަރުމާކޮށް ނިމި، އެކަމަށް ބޭނުންވާ ފައިސާވެސް މިހާރު ބަޖެޓްކުރެވިފައިވާކަމަށެވެ.

"މިހޮސްޕިޓަލުގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު، މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށްދާނެ. ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިރަށަށް އަދި މި އަތޮޅަށްވެސް، މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، މިރަށުގައި އެއާޕޯޓެއް އޮތްއިރުވެސް، ކުއްލި ޙާލަތްތަކުގައި ވައިގެ މަގުން ބަލި މީހުން މާލެއަށް ފޮނުވޭނެ ފަސޭހަ އިންތިޒާމެއް ނެތުން. އެކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް އަޅުގަނޑު މަސައްކަތް ކުރާނަން" ރައީސް ވިދާޅުވިއެވެ.

ކުޑަހުވަދުއަކީ، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ފައްކާވެފައި އޮތް ރަށެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަށީގެންވާ އާބާދީއެއް ކުޑަހުވަދޫގައި އޮތްއިރު މިހާރުވެސް ރަޖިސްޓްރީއަށްވުރެ ގިނަ މީހުން އެރަށުގައި ދިރިއުޅޭކަމަށާއި، މަސްވެރިކަމާއި، ފަތުރުވެރިކަން ވެސް ފުޅާވަމުން އަންނަ ދ.އަތޮޅާއި، އެއަތޮޅު ވެރިކަނކުރާ ކުޑަހުވަދޫއިން ތަރައްޤީގެ މަޝްރޫޢުތަކަށް ވަރަށް ފަހި މާޙައުލެއް ފެންނަކަމުގައި ރައީސް ވިދާޅުވިއެވެ.

ކުޑަހުވަދޫގެ ތަރައްގީއަށް އަދުގެ ސަރުކާރުން ވައުދުވި ވަރަށް ގިނަ ކަންތައް އެބަހުރިކަމަށާއި، އޭގެ ތެރެއިން ކުޑަހުވަދުއަށް ބޭނުންވެފައިވާ މުހިންމު ގިނަ ކަންތައްތަކެއް ސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނުވަނީ ކުޑަހުވަދޫގެ ރައްޔުތުންނަށް ދެއްވާފައެވެ. އަދި ސަރުކާރުން ގެންނަންބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުވެގެންދާއިރު، ކުދަހުވަދޫ ފެނިގެން ދާނީ، އާރބަން ސެންޓަރެއްގެ ގޮތުގައިކަމުގައި ރައީސް ޞާލީހް ވިދާޅުވިއެވެ.

"ރަށު ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތައް ވެސް ސަރުކާރުން ހޯދައިދޭނެ. އަދި މި ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރާނެ. ފެރީ ޓާމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢު ވެސް އިރާދަކުރެއްވިއްޔާ ތަންފީޒު ވާނެ. އައު މަޝްރޫޢުތަކާ އެކު މިރަށުގައި އިތުރު ހައުސިން ޔުނިޓްތައް ހެދޭނެ. މަސް މާރުކޭޓްވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، މިއަތޮޅުގެ މަސްވެރިން، ބާނާ މަސް ގަނެވޭނެ ގޮތްވެސް ހަމަޖެހިގެންދާނެ. ޒޯން ސްޓޭޑިއަމް ވެސް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވޭނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކުޑަހުވަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ދ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ދ.އަތޮޅުން ފާހަގަކުރެވުނު އެންމެ ޚިދުމަތްތެރި ސިއްޙީމަރުކަޒުގެ ގޮތުގައި ދ.ރިނބުދޫ ސިއްޙީ މަރުކަޒަށްވަނީ އެވޯޑެއް އަރުވާފައެވެ. މީގެއިތުރުން ދ.އަތޮޅު ސިއްޙީ ޚިދުމަތުގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ 12 ބޭފުޅަކަށްވަނީ މިހަފްލާފައި ހަނދާނީ ފިލާދެއްވާފައެވެ.

މިރަސްމިއްޔާތުގައިވަނީ "ކުޑަހުވަދޫ ކޮންމެ ގެއަކަށް ފުރަތަމަ އެހީ ދޭނެ މީހެއް" މި ޕްރޮގްރާމްގެ ދަށުން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ފަރާތުން ދީފައިވާ ފަސްޓް އެއިޑް ކިޓްތައް ބަހަންވެސް ހަވާލުކޮށްފައެވެ. ދ.އަތޮޅު ހޮސްޕިޓަލަށް ފަންސާސް އަހަރުފުރުން ފާހަގަކުރަމުންދާއިރު، އެ ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދިނުމުގެ ޚިދުމަތް މާދަމާ ރަސްމީކޮސް ފެށުމަށްވަނީ ހަމަޖެހިފައެވެ.