ޚަބަރު

ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީ ބަލައެއް ނުގަންނަން - ޝަވީދު


ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީވެސް އަދި އެކޮމެޓީން ބައްވާ އިންތިޚާބްވެސް ބަލައިނުގަންނަކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު ޝަވީދު ވިދާޅުވެއްޖެއެވެ.

ސްޕޯޓްސް ކޮމިޝަނާރ ހީނާ އަޙްމަދު ސަލީމްގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމެޓީން ވަނީ މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ބަދަލުތަކެއް ގެނެސް، މިމަހުގެ 24ވަނަ ދުވަހު ވީއޭއެމްގެ އިންތިޚާބެއް ބާއްވަން މަސައްކަތް ކުރަމުންނެވެ. ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދަކައްކަވަމުން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު ޝަވީދު ވިދާޅުވީ ވޮލީގެ މައިއިދާރާ އެފްއައިވީބީއިން ބަލައިނުގަންނަ ކޮމެޓީއެއް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއިން ބަލައިނުގަންނާނެކަމަށެވެ.

އަދި ކުރިން އެމްއޯސީއިން ސްޕޯޓްސް ކޮމިޝަންއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމެޓީ ބަލައިގަންގަކަމަށް އަންގާފައިވަނީ އެވަގުތުގެ މަސްލަހަތަށް ބަލާފަކަމަށެވެ. އެއީ މިހާރުގެ ކުޅިވަރު މިނިސްޓަރ އަހުމަދު މަހުލޫފް ކުޅިވަރަށް ކޮށްދެމުން އަންނަ ކަންތަށްތަކަށް ބަލާފައި މިނިސްޓަރަށް ކޮށްދެއްވި ކަމެއްކަމަށް ޝަވީދު ވިދާޅުވިއެވެ.

"އެމްއޯސީގެ ގަވާއިދު ބުނާގޮތުން ކޮމެޓީތަކުގެ ސައްޙަކަން ބަލާ ފާސްކުރުމަކީ އެމްއޯސީއަށް ކުރެވޭނެކަމެއް ނޫން. މިނިސްޓަރއަށް ކޮށްދިންކަމެއް އެއީ. އެކަންތަށްތަށް ވެގެންދިޔައިރު އަޅުގަނޑު (ޝަވީދު)ހުރީ ރާއްޖެއިން ބޭރުގައި އެމްއޯސީގެ ޖެނެރަލް ސެކެޓްރީ ހުރީ ޖަޕާންގައި. ދެންތިބި އެކްސްކޯ މެންބަރުންގެ އެދުމުގެ މަތިން އެކަންތަށްތަށް ކުރީ. ނަމަވެސް އެއީ އެމްއޯސީއަށް ކުރެވޭނެކަމެއްނޫން. އެއީ ގަވާއިދާއި ހިލާފަށް ކުރިކަމެއް. މިކަން ވަރަށް ރަގަނޅަށް މިނިސްޓަރ މަހުލޫފްއަށްވެސް ކިޔައިދީފައިވާނީ. އަދި އެމްއޯސީގެ ވައިބާރ ގުރޫޕްގައި އަޅުގަނޑު ބުނިން އެއީ ކުރެވޭނެކަމެއް ނޫންކަމަށް އަދި އެއީ އެމްއޯސީގެ ގަވާއިދުވެސް ތަންދޭކަމެއް ނޫންކަމަށް." އެމްއޯސީގެ ރައީސް ޝަވީދު ވިދާޅުވިއެވެ.

ޝަވީދު ވިދާޅުވީ މިއީ ސްޕޯޓްސް ކޮމިޝަނާރ ހީނާ ސަލީމްގެ ބޮޑު ފެއިލިއަރއެއްކަމަށާ އެފްއައިވީބީއިން ނޯމަލައިޒޭޝަން ކޮމެޓީންބަލައި ނުގަންނަން ނިންމި ހިސާބުން ކޮމެޓީ އުވާލަން ޖެހޭކަމަށެވެ. އަދި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙުލޫފަށްވެސް ވީއޭއެމްގެ ކަންތައްތައް ދަނީ ގޯސްކޮށްކަން ވަރަށް ރަގަނޅަށް ކިޔައިދީފައިވާނެކަމަށް ޝަވީދު ވިދާޅުވިއެވެ. އަދި އެފްއައިވީބީއިން ރާއްޖެ ސަސްޕެންޑްކޮށްފިނަމަ އޭގެ ގެއްލުންލިބޭނީ ހަމައެކަނި އެސޯސިއޭޝަނަށް ނޫންކަމަށާ އޭގެ ގެއްލުން ރާއްޖޭގެ ކުޅިވަރަށްވެސް ލިބިގެންދާނެކަމަށް ޝަވީދު ވިދާޅުވިއެވެ.

"މިއީ އެސޯސިއޭޝަންއަށް ލިބޭ ގެއްލުމަކަށް ވުރެއް މުޅި ކުޅިވަރަށް ލިބޭ ގެއްލުމެއް. ވޮލީ ކުޅޭ ކުޅުންތެރިންނަށް ވަރަށް ބޮޑު ގެއްލުމަކަށް މިކަންވެގެންދާނީ. މަދު ބައެއްގެ ސަބަބުން ކުރެވޭ ގޯސްކަމަކުން މުޅި ވޮލީއަށް އޭގެ އަސަރުކުރާނެ. ސަސްޕެންޝަންއަކާއި ހަމައަށް ދިއުމުގެ ކުރިން މިކަންތަށްތަށް ހައްލު ކުރަންޖެހޭ. މިހާރުވެސް ވީހާވެސް އަވަހަކަށް އެފްއައިވީބީއާއި ވާހަކަދައްކައިގެން މިކަންތަށްތަށް ހައްލުކުރަންވީ" ޝަވީދު ވިދާޅުވިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވީ ވީއޭއެމްގެ ކަންތައްތައް ހައްލުކުރުމަށް އެފްއައިވީބީއާ ވާހަކަދައްކަވަމުން އަންނަކަމަށާ، އެފްއައިވީބީއިން ބޭނުންވަނީ ނޯމަލައިޒޭޝަން ކޮމެޓީ އުވާލާށެވެ. އަދި ސްޕޯޓްސް ކޮމިޝަންގެ ދަށުން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމެޓީ އުވާލުމަށްފަހު، ކުރީގެ ރައީސް މުޙައްމަދު ލަތީފަށް ވީއޭއެމް ހަވާލުކުރުމަށްކަމަށް ޝަވީދު ވިދާޅުވިއެވެ.

އެފްއައިވީބީއާ ކުރެވުނު މަޝްވަރާތަކަށްފަހު، އެޖަމްޢިއްޔާއިން ބުނީ ނޯމަލައިޒޭޝަން ކޮމެޓީ އުވާލުމާއެކު އެޖަމިއްޔާއިން ވީއޭއެމްގެ ކަންތަށްތަށް ބަލަމުން ގެންދާނެކަމަށެވެ. އަދި ވީއޭއެމް ނޯމަލައިޒޭޝަން ކުރަންވެއްޖެކަމަށްވާނަމަ، އެކަންވެސް އެފްއައިވީބީއިން ކުރާނެކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވިއެވެ.