ޚަބަރު

ދ.ހުޅުދެލީ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ - ރައީސް


ދ.ހުޅުދެލީ ބަނދަރަށް 300 ފޫޓު އިތުރުކުރުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވައިދެއްވާނެކަމަށް ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެއެވެ.

ދ.ހުޅުދެއްޔަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ކައުންސިލުން މިއަހަރު ކުރީކޮޅު ރަޢީސްއާއި ބައްދަލުކުރައްވައި ޙިއްސާކުރެއްވި ކަންބޮޑުވުންތަކަށް ޙައްލު ހޯދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެރަށުގައި މިހާރު އޮތް 300 ފޫޓުގެ ބަނދަރަށް އިތުރު 300 ފޫޓުގެ ސަރަހައްދެއް އިތުރުކޮށްދެއްވުމަށް، ބިޑަށް ހުޅުވާލައި ބިޑް އިވަލުއޭޓްކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ އިތުރު ބަދަލުތައްވެސް ބަނދަރަށް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރަށުގެ ކަރަންޓާއި، ފެނުގެ ނިޒާމު ރަނގަޅު ކުރުމުގެ މަސައްކަތްތައްވެސް ސަރުކާރުން ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

"ރަށުގެ އާ އިންޖީނުގޭގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނަން. އަދި ސަރުކާރުގެ ވަޢުދާއި އެއްގޮތަށް ރަށުގައި ސާފު ބޯފެނުގެ ނިޒާމުވެސް މި ދަޢުރުގައި ޤާއިމުކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.

ހުޅުދެއްޔަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ރަށަކަށްވުމާއެކު، މަސް ކިރުމުގައި ހުރި ދަތިތައް ރަށުގެ ކައުންސިލުންވަނީ ފާހަގަކޮށްފައެވެ. ރަޢިސް ވިދާޅުވީ ސަރަޙައްދުގެ ޤައުމުތަކުގައި ދާ ޖަހައިގެން މަސްވެރިކަން ކޮންރޯލްކުރުމާއިއެކު، ރާއްޖޭގެ މަސްވެރިކަން ރަނގަޅުވާން ފަށާފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި އިތުރަށް މަސްވެރިކަން ރަނގަޅުވާނެކަމަށް ލަފާކުރެވޭތީ، މުޅި ސިނާޢަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ.

މިހާރު ހުރި ކެޕޭސިޓީއާއި ގުޅޭގޮތުން ރަޢީސް ވިދާޅުވީ މިފްކޯގައި މިހާރުވެސް ބޭނުންވާ މިންވަރަށް ކެޕޭސިޓީ ނެތްކަމަށެވެ. އަދި މިހާރު މަސް ވިއްކަމުންދާ އަގުގައި މަސް ވިއްކައިގެން ފައިދާ ނުލިބޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޫއްޑޫއާއި މިފްކޯގެ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

"ހަމަ އަގު ނުލިބެނީ ވެލިއު އެޑްކުރުމަށް މަހުން އިތުރު ބާވަތްތައް ތައްޔާރުކޮށް ނުވިއްކޭތީ. މިކަން ރަނގަޅު ކުރުމަށް ފުރަތަމަ ފިޔަވަހީގައި ކުރަންޖެހޭ މަސައްކަތްތައް ޑިސެމްބަރުގައި ފަށާނަން. މިފްކޯއަކީ ފައިދާވާ ތަނަކަށް ހަދަވާނަން. އަދި މި ސަރަޙައްދުގައި މަސް ކިރޭނެ އިންތިޒާމު ހަމަޖެއްސުމާއި ގުޅޭގޮތުން މިފްކޯގައި ދަންނަވާނަން." ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނާއި ދެެއްކެވި ވަހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ލާމަރުކަޒީ ނިޒާމާއެކު ކައުންސުލިލްތަކަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެކަމަށެވެ. މީގެތެރޭގައި ރަށުގެ ތަރައްޤީއާއި ގުޅޭ ކަންކަން ނިންމުމާއި، އަދި މާލީ ގޮތުންވެސް ކައުންސިލްތައް ބާރުވެރި ކުރައްވާނެކަމަށްވަނީ ވިދާޅުވެފައެވެ.