ވިޔަފާރި

އައްޑޫގައި ހިންގާ ޔުޓިލިޓީޒް މަސައްކަތްތައް ޑިސެމްބަރަށް ނިންމަނީ


އައްޑޫ ސިޓީގައި ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ ޔުޓިލިޓީގެ ހުރިހާ
ޚިދުމަތްތައް މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ފެނަކަ
ކޯޕަރޭޝަނުން ބުނެފިއެވެ.



ފެނަކަ ކޯޕަރޭޝަނަކީ އައްޑޫސިޓީއަށް ކަރަންޓް ފޯރުކޮށްދޭ ކުންފުނެޏެވެ. އަދި
ބައެއް ރަށްތަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތްވެސް
އެ ކުންފުނިން ކުރަމުންގެންދެއެވެ.



އަލަށް ގެނެވުނު ދެ ޖަނަރޭޓަރު އައްޑޫ ސިޓީއަށް ފޮނުވާލުމަށްޓަކައި
އުފުލިއަށް އެރުވުމަށްފަހު، ރޭ އެމް ޕީ އެލްގައި ހުންނަވާ ޕީ އެސް އެމާއި ވާހަކަދެއްވަމުން
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލު ވިދާޅުވީ، ސަރުކާރުން
އައްޑޫސިޓީގެ ޔުޓިލިޓީގެ ޚިދުމަތްތައް ތަރައްގީ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް
ދެއްވާ ކަމަށެވެ. އެގޮތުން ޑިސެމްބަރު މަހާ ހަމައަށް މިހާރު ހިތަދޫގައި ކުރިއަށްގެންދާ
ފެނުގެ ނިޒާމުގެ ގާއިމް ކުރުމުގެ މަސައްކަތްތަކާއި، ނަރުދަމާގެ މަސައްކަތްތައް
އެއްކޮށް ކަހަލަ ގޮތަކަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަސައްކަތްތައް
ކުރިއަށްދާ ސްޕީޑަށް ބަލާއިރު، އެކަން ކާމިޔާބު ވާނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް
ނިމާލް ވިދާޅުވިއެވެ.



އައްޑޫ ސިޓީ އާއެކު، މުޅި ރާއްޖޭގެ ޔުޓިލިޓީގެ ޚިދުމަތްތައް ސަރުކާރުގެ ފަސް
އަހަރު ތެރޭ ފުއްދައިދެއްވާނެ ކަމަށް ނިމާލު ވިދާޅުވި. ސަރުކާރުގެ މި އަމާޒަށް
ވާސިލް ވުމަށް ސަރުކާރާއެކު ފެނަކައިން ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށްވެސް
ނިމާލު ވިދާޅުވިއެވެ.



އެންވަޔަރަމަންޓް މިނިސްޓްރީން މިހާރުވެސް ވަނީ، އައްޑޫ ސިޓީގެ
ފޭދޫއާ  މަރަދޫފޭދުއާ
މަރަދުއާ ހުޅުމީދޫގެ ނަރުދަމާ ނިޒާމުގެ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމެންޓް
ތައްޔާރުކުރުމަށް ކުންފުނިތަކަކާއި ހަވާލުކޮށްފައެވެ. މިރަށްތަކުގެ  މަސައްކަތްތައް މި އަހަރު ފަށާ، އަންނަ އަހަރު
ނިންމާލެވޭނެ ކަމަށް އެންވަޔަރމަންޓް މިނިސްޓަރ ތާރިގް އިބްރާހިމް
ވިދާޅުވެފައިވެއެވެ. އައްޑޫ ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް އޮތް  ދެ އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ
ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވެއެވެ.