ޚަބަރު

ރ.ވާދުއާއި ލ.ކަލައިދޫ މިސްކިތް އިމާރާތްކުރަން ބަޔަކަށް


ރ.ވާދުއާއި ލ.ކަލައިދޫގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރުއެވެ.

މި ރަސްމިިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިސްކިތްތައް ބިނާކުރުމުގައި އިސްކަންދެނީ ނަމާދުކުރުމަށް ދަތިކަން ހުރި ރަށްތައް ބަލައިގެން ތަރުތީބުން ކަމަށެވެ. އަދި މި ދެރަށުގައި މިސްކިތް ބިނާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވައުދުފުޅެއްކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެސްކޮން ބިލްޑަރސްއާއި ހަވާލުކުރެވުނު ދެ ޕްރޮޖެކްޓްގެ ތެރެއިން ކަލައިދޫގެ މިސްކިތަކީ ދައުލަތުގެ ބަޖެޓުން 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޙަރަދުކޮށްގެން ބިނާކުރާ މިސްކިތެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ރ.ވާދޫގއި މިސްކިތް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި ޕްރޮޖެކްޓަށް ދައުލަތުގެ ބަޖެޓުން 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.