ޚަބަރު

15 އެމްބިއުލާންސް ގެނައުމަށް ކުންފުންޏަކުން ބިޑު ކާމިޔާބުކުރި މައްސަލަ އަލުން އިވަލުއޭޓް ކުރަން އަންގައިފި


އަގުބޮޑުކޮށް އެމްބިއުލާންސް ގެނައުމަށް ހުށައެޅި ކުންފުންޏަކުން ބިޑް ކާމިޔާބުކުރި މައްސަލައިގައި، އެ ބިޑް އަލުން އިވަލުއޭޓް ކުރަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ހެލްތް މިނިސްޓްރީއަށް އަންގައިިއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރު އައިޝަތު ޢަބްދުﷲ ވިދާޅުވީ މި ބިޑާއި ގުޅިގެން އޭސީސީއަށް ހުށައެޅި މައްސަލަ އެ ކޮމިޝަނުން ބަލާފައިވާކަމަށެވެ. އަދި އޭސީސީން ކުރި ތަޙްޤީޤުން، ޕްރޮޖެކްޓް ހަވާލުކުރުމުގައި މައްސަލަ އުޅޭކަން ފާހަގަވެފައިވާތީ އެ ބިޑް އަލުން އިވެލުއޭޓް ކުރުމަށް ހެލްތް މިނިސްޓްރީއަށް މިހާރު އަންގާފައިވާނެކަމަށް އައިޝަތު ޢަބްދުﷲ ވިދާޅުވިއެވެ.

މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީއަށް ހުށައެޅީ، އެމްބިއުލާންސް ގެނައުމަށް ޕްރޮޕޯސަލް ހުށައެޅި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ކުންފުނިންނެވެ. މި ކުންފުންޏަކީ އެންމެ ކުރު މުއްދަތުގައި އަދި އެންމެ އަގުހެޔޮކޮށް އެމްބިއުލާންސް ގެނައުމަށް ޕްރޮޕޯސަލް ހުށައެޅި ކުންފުންޏެވެ.

ނަމަވެސް މި ބިޑް ކާމިޔާބުކުރީ އެ ކުންފުންޏަށްވުރެ 7 ލައްކަ ރުފިޔާ އިތުރަށް، އަދި މުއްދަތުވެސް އިތުރަށް ހުށައެޅި އިންޑިއާގެ މޯހަން މުތާ ކުންފުނިންނެވެ. މި މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރި ކަމަށްބުނެ އޭޑީކޭ ކުންފުނިން އޭސީސީއަށް މައްސަލަ ހުށައެޅީ މިދިޔަ މަހުއެވެ.

15 އެމްބިއުލާންސް ގެނައުމަށް އޭޑީކޭއިން ހުށައަޅާފައިވަނީ 7.9 މިލިއަން ރުފިޔާއެވެ. އަދި އެމްބިއުލާންސް ގެނައުމަށް ހުށަހަޅާފައިވަނީ 59 ދުވަހާއި 89 ދުވަހާ ދެމެދުގެ މުއްދަތެކެވެ. ނަމަވެސް ބިޑް ކާމިޔާބު ކުރި މޯހަން މުތާ ކުންފުނިން ހުށައަޅާފައިވަނީ 8.7 މިލިއަން ރުފިޔާއެވެ. އަދި އެމްބިއުލާންސް ގެނައުމަށް ހުށަހަޅާފައިވަނީ 90 ދުވަހުގެ މުއްދަތެކެވެ.

ބިޑް ހުށަހެޅި ފަރާތަކުގެ ތެރޭގައި، އޭޑީކޭ ކުންފުނި ނޫނަސް މޯހަން މުތާ ކުންފުންޏަށްވުރެ އަގު ހެޔޮކޮށް ކުރު މުއްދަތުގައި އެމްބިއުލާންސް ގެނައުމަށް ބިޑް ހުށައެޅި ކުންފުނިތައްވެސް ހިމެނެއެވެ.