ޚަބަރު

ނިލަންދޫއިން ޔުނައިޓަޑް ވިކްޓްރީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި


އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ނިލަންދޫއިން ޔުނައިޓަޑް ވިކްޓްރީ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި ޔުނައިޓަޑް ވިކްޓްރީ (ޔޫވީ) އާއި ފ.އަތޮލޫ ނިލަންދޫ ވާދަކުރި މެޗް ނިމުނީ 2 ލަނޑު 2 ލަނޑުން އެއްވަރުވެގެންނެވެ. ދެ ޓީމްގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗްގައި، އެންމެ ފުރަތަމަ ލަނޑު ޖެހުމަށް ފުރުސަތު ލިބުނީ ޔޫވީއަށެވެ. އެޓީމްގެ އަހުމަދު ނާޝިދު އާއި އަހުމަދު ވިޝާމް ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި ސީދާ ނުވެ، ބޭރަށެވެ. ނިލަންދޫ ޓީމްގެ ފުރަތަމަ ގޯލް ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމްގެ ބިދޭސީ ކުޅުންތެރިޔާ ލޫކަސްއެވެ. އޭރިޔާތެރޭގައި ހުރެފައި ލޫކަސް ފޮނުވާލި ބޯޅަ، ޔޫވީގެ ކީޕަރުވަނީ ދިފާޢުކޮށްފައެވެ. މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑްނެގީ ނިލަންދޫއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަކުރަމް އިސްމާޢީލްއެވެ. މިލަނޑަށްފަހު ލީޑް ފުޅާކުރުމަށް ނިލަންދޫގެ ބިދޭސީ މިޑްފީލްޑަރ ޓޮޝީކީ އޮކަމޯޓޯއަށް ލިބުނު ފުރުސަތުގެވެސް ހުރަކަށްވީ ޔޫވީގެ ކީޕަރު ތޮލާލްއެވެ.

ޔުނައިޓަޑް ވިކްޓްރީއަށް މެޗްގެ ނަތީޖާ އެއްވަރުކޮށްދިނީ ކެޕްޓަން އަހުމަދު ނާޝިދުއެވެ. މެޗްގެ 65ވަނަ މިނެޓްގައި ނިލަންދޫގެ ބިދޭސީ ކުޅުންތެރިޔާ ކިންގްސްލީއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑް ދެއްކުމުން އެޓީމަށް އުނދަގޫތަކެއް ދިމާވިއެވެ. މާ ގިނައިރުތަކެއް ނުވެ ޔޫވީގެ ސިލިޗްވަނީ ލަނޑެއް ޖަގާ އެޓީމަށް ލީޑް ނަގައިދީފައެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ނިލަންދޫއިންވަނީ ޔޫވީގެ ގޯލްއަށް ނުރައްކާތެރި ހަމަލާތެއް ފޮނުވާލާފައެވެ. މެޗުން ނިލަންދޫއަށް ޕޮއިންޓެއް ލިބުނީ މެޗު ނިމެން 5 މިނެޓަށް ވެފައިވަނިކޮށް ލޫކަސްއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު ނަޒީހު ބުނީ އެއް ކުޅުންތެރިއަކު މަދުން ކުޅެމުންދިޔަ ނަމަވެސް ނިލަންދޫ ޓީމްއިން ކުރި ހިތްވަރަށް ޝުކުރު ހައްގުކަމަށެވެ. އަދި މެޗްގައި ޔޫވީގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިންހަމަޖެހޭކަމަށާއި ނަމަވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭކަމަށް ނަޒީޙު ބުނެފިއެވެ.

"މެޗުން މޮޅުވަން ވަރަށް ގިނަ ފުރުސަތުތަކެއް ޔޫވީއަށް ލިބުނު. ގޯލް ޖެހުމަށްވެސް ވަރަށް ގިނަ ފުރުސަތުތަކެއް ލިބުނު. އަސްލުގައި މެޗްއިން މޮޅު ނުވެވުނީ ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުން. މެޗްގައި އެންމެ މުހިންމީ ސްކޯކުރުން. ކިތަންމެ ގިނަ ފުރުސަތެއް ލިބުނުނަމަވެސް، ސްކޯ ނުކުރެވެންޏާ މެޗްގެ ނިމެނޭއިރު އޭގެ ފައިދާއެއް ނުފެންނާނެ. ކުރިއަށް ހުރި މެޗްތަކުގައި މިކަމަށް އެބަޖެހޭ ހައްލެއް ގެންނަން." ނަޒީހު ބުންޏެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަންކަމަށެވެ. ނަމަވެސް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެގެން ޕޮއިންޓެއް ލިބުމުންވެސް ހިންހަމަޖެހޭކަމަށާއި މެޗްގައ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިންހަމަޖެހޭކަމަށެވެ.

"މެޗްއިން މޮޅުވާންވެސް ފުރުސަތު ލިބުނު. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ނިލަންދޫގެ ކުޅުންތެރިންގެ ކުޅުމަކަށް މާބޮޑު ބަދަލްއެއް އައިސްފައެއްނުވޭ. އެއްވަރެއްގެ ދެ ޓީމް ކުޅޭއިރު އަބަދުވެސް ދެ ޓީމްއަސްވެސް ފުރުސަތު ލިބޭނެ. މެޗްއިން މޮޅުވާނީ އެފުރުސަތުގެ ބޭނުން ހިފޭ ޓީމްއަކަށް. ބޭނުންވީ ތިން ޕޮއިންޓް، ނަމަވެސް މެޗްއިން ބަލިނުވެ، ޕޮއިންޓްއަކުންވެސް ހިންހަމަޖެހޭ." އަހުމަދު މުޖްތަބާ ބުންޏެވެ.