ޚަބަރު

ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ މުއްދަތު އިތުރުކޮށްފި


މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަންގެ ހިންގުން ހަވާލްކޮށްފައިވާ ނޯމަލައިޒޭޝަން ކޮމެޓީގެ މުއްދަތު އިތުރުކޮށްފިއެވެ.

ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފްގެ ލީޑަޝިފްއާއި ގުޅުން ހުރި މައްސަލަތަކެއް ބެލުމަށްފަހު، ސްޕޯޓްސް ކޮމިޝަނަރ ހީނާ އަހުމަދު ސަލީމްވަނީ ޖޫންމަހުގެ 10ވަނަ ދުވަހު ނޯމަލައިޒޭޝަން ކޮމެޓީއެއް އެކުލަވާލާ، ވީއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމެޓީއާއި ހަވާލްކޮށްފައެވެ. ސްޕޯޓްސް ކޮމިޝަންއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމެޓީގެ މުއްދަތު މިމަހުގެ 11 ވަނަ ދުވަހަށްވަނީ ހަމަވެފައެވެ. މިމަހުގެ 24ވަނަ ދުވަހު ވީއޭއެމްގެ އިންތިޙާބްގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވަނީ ނޯމަލައިޒޭޝަން ކޮމެޓީންނެވެ. ނޯމަލައިޒޭޝަން ކޮމެޓީގެ ރައީސް އަބްދުﷲ އާމިރު ވިދާޅުވީ މިހާރު ސްޕޯޓްސް ކޮމިޝަނުން ނޯމަލައިޒޭޝަން ކޮމެޓީގެ މުއްދަތު އެއް މަސް ދުވަހަށް އިތުރުކޮށްދީފަކަމަށެވެ. އަދި މިމަހުގެ 24ވަނަ ދުވަހުގެ އިންތިހާބްގެ ކަންތައްތަކަށްފަހު، އާ ރައީސްއަށް ވީއޭއެމް ހަވާލް ކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވަނީ ނޯމަލައިޒޭޝަން ކޮމެޓީއިންކަމަށް އަބްދުﷲ އާމިރު ވިދާޅުވިއެވެ.

ނޯމައިލޭޝަން ކޮމެޓީއިންވަނީ ވީއޭއެމްގެ މިހާރުގެ އަސާސީ ގަވާއިދު އިސްލާހުކޮށްފައެވެ. އަދި ކުރިއަށް އޮތް ވީއޭއެމްގެ އިންތިހާބްގައި ވޯޓް ލެވޭނެ ކުލަބްތަށްވެސް ނިންމާފައެވެ. މިމަހުގެ 24 ވަނަ ދުވަހު ވޯޓް ލުމުގެ ހައްގު ލިބިފައިވަނީ 8 ކުލަބްއަށެވެ. އެއީ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)، ޕޮލިސް ކްލަބް، ގުޑީސް ސްޕޯޓްސް ކްލަބް، ސްޕޯޓްސް ކްލަބް ސިޓީ، ޔޫތު ނިއު ޖެނަރޭޝަން، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް، ސްޕޯޓްސް ކްލަބު ހޯކްސް އަދި ކްލަބް ހާފް ލައިން ލިންކޭޖްއެވެ.

ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީއިން އާ އިންތިޙާބްއަކަށް ތައްޔާރުވަމުންދާއިރު، ސްޕޯޓްސް ކޮމިޝަނަރ ހިނާ އަހުމަދު ސަލީމް އެކުލަވާލާފައިވާ ނޯމަލައިޒިން ކޮމިޓީ އަކީ ސައްހަ ކޮމިޓީއެއް ކަމަށް ގަބޫލް ނުކުރާކަމަށް ވޮލީ ބޯޅައިގެ ދުނިޔޭގެ މައި އިދާރާ އެފްއައިވީބީންވަނީ އަންގާފައެވެ. އެފްއައިވީބީއިން މިގޮތަށް އަންގާފައިވީނަމަވެސް ނޯމަލައިޒޭޝަން ކޮމެޓީއިން އަމަލް ކުރާނީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ އެންގުމަށްކަމަށް ނޯމަލައިޒޭޝަން ކޮމެޓީގެ ރައީސް އަބްދުﷲ އާމިރު ވިދާޅުވިއެވެ.