ޚަބަރު

އެންޓި-ކޮރަޕްޝަންގެ ޤާނޫނު ރިވިއުކޮށް، އިސްލާހު ގެނައުމުގެ މަސައްކަތް ފަށައިފި


އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދަނީ ކުރިއަށް މިއޮތް ފަސްއަހަރު އެ ކޮމިޝަނުން ކުރަން ނިންމާ މަސައްކަތްކުގެ ސްޓްރެޓީޖިކް ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ އިސްކަމެއް ދީގެން އެކޮމިޝަނުން ކުރަން ނިންމާފައިވާ މަސައްކަތަކީ އެންޓި-ކޮރަޕްޝަނުގެ ޤާނޫނު ރިވިއުކޮށް، ޤާނޫނު އިސްލާހްކުރުމުގެ މަސައްކަތްކަމަށް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ނާއިބު ރައީސާ ފާޠިމަތު އަނޫލާ ވިދާޅުވީ މުޅި ނިޒާމު ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ކުރިން ކޮމިޝަނުން ނިންމާފައިވާ ނިންމުންތައް ރިވިއުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހުރިއިރު، އެކަންކަން ތަޙްޤީގު ކުރުމުގައި ކޮމިޝަންގެ ސިސްޓަމްގެ ތެރެއިން ބޮޑެތި މައްސަލަތައް ފާހަގަކުރެވިފައިވާކަމަށެވެ. މިފަދަ ކުށްތަކަކީ ވަރަށް ބޮޑަށް ރާވައިގެން ކޮށްފައިހުރި ކަންތައްތައްކަމަށާ، ލިޔެކިޔުންތައް ފޯޖްކުރުމާއި ހެކިންނަށް ނުފޫޒުފޯރުވުންފަދަ ކަންތައްތައް ކޮށްފައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިފަދަ ކޮރަޕްޝަންގެ މައްސަލަތަކުގެ މަންފާ ބޮޑެތި ޢަދަދުތަކުން ހޯދަމުން އަންނައިރު، ދާއިމި ގޮތެއްގައި ކުއްވެރިޔާއަށް މަންފާލިބޭގޮތަށް ހުރި މައްސަލަތައްވެސް ހުރިކަން އޭނާވަނީ ފާހަގަކޮށްފައެވެ. މިފަދަ މައްސަލަތަކުގެ ފުނަށް ވަދެ، ނަހަމަ ގޮތުގައި ހޯދާފައިވާ މިފަދަ މަންފާއަކީ، ކުށްކުރި މީހާއަށް އަލުން މީގެ މަންފާ ލިބޭނެކަމަކަށް ވިޔަ ނުދިނުމަށް މަސައްކަތް ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކުއްކުރާ މީހާ ޖަލަށް ލީމަ އެނިމުނީ ނޫން އަދި. އެ ފައިސާ އެކި ތަންތަނަށް، ރާއްޖެއިން ބޭރަށްވެސް އިންވެސްޓް ކުރޭ. އެހެންވީމަ ކޮމިޝަންގެ މަސައްކަތެއް މިގޮތަށް ހުރި ހުރިހާ މަންފާއަކީ ކުއްވެރިއާއަށް ބަންދުވާ އެއްޗަކަށް ހަދައި، އެއީ ދަޢުލަތަށްނަގާ އެއްޗަކަށް ހެދުމަކީ. މިކަންކަމަށް ޤާނޫނު ރިފޯމްކުރާއިރު ބަލާނަން." އަނޫލާ ވިދާޅުވިއެވެ.

ނޫސްބެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ ކޮމިޝަންގެ މަސައްކަތްތައް މިފަސް އަހަރަށް ބައްޓަން ކުރާނެ ގޮތުގެ ޕްލޭނެއް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި ކޮމިޝަނެގެ ތެރެއިން ކުރުމަށް ނިންމާ މަސައްކަތްތައް ރޭވުމާއި މިމަސައްކަތްތަކަކީ ވީހާވެސް ބޮޑަށް ދެފުށްފެންނަ އުސޫލެއްގެ ދަށުން ކުރިއަށްގެންދާނެ މަސައްކަތްތަކެއްކަމަށް ހަދާނެކަމަށް ޝިއުނާ ވިދާޅުވިއެވެ.

"އެތެރޭގެ އުސޫލުތައް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދަނީ. މެންބަރުންނަކީ މިނިވަންކަންމަތީ މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް މެންބަރުންގެ މާލީ ބަޔާންވެސް ހާމަކުރާނަން. އަދި މިނިވަން މުއައްސާ ކޮމީޓިއަށް ކޮންމެ ކުއާޓާއެއްގެ މަސައްކަތްތަކުގެ ތަފްސީލް ޙިއްށާކުރާންން." ޝިއުނާ ވިދާޅުވިއެވެ.

މީގެއިތުރުން ކޮރަޕްޝަނާމެދު ޢާއްމުން ހޭލުންތެރިކުރުވުމާއި ކޮރަޕްޝަނާދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި އިދާރީ އުސޫލުތައް ހަރުދަނާކޮށް ތަންފީޒު ކުރާނެކަމަށްވެސް އޭސީސީންވަނީ ވިދާޅުވެފައެވެ.