ޚަބަރު

ސިވިލްސަރވިސް ކޮމިޝަނުގެ މެމްބަރުކަމުން ޝަހީދު ވަކިކުރުމުގެ މަސައްކަތް ފަށައިފި


ސިވިލްސަރވިސް ކޮމިޝަނުގެ ނައިބް ރައީސް ޝަހީދު މުޙައްމަދު މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާ އެކަން މަޖިލީހުގެ ރައީސަށް އެންގުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްއަސާތަކައި ބެހޭ ކޮމިޓީން ނިންމައިފިއެވެ.

މިއަދު އޮތް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި، ޝަހީދު އެ މަޤާމުން ވަކިކުރަން ނިންމާފައިވަނީ އެ މަޤާމަށް އޭނާ ޝަރުތު ހަމަނުވާކަމަށް ކޮމިޓީން ބެލިބެލުމުން އެގިފައިވާތީއެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުންވަނީ މިމައްސަލާގައި މެމްބަރުންގެ ޙިޔާލް ފާޅުކުރައްވައި، މިމައްސަލާގައި އޭނާ ވަކިކުރުމަށް މަޖިލީހުގެ ރިޔާސަތައް އެންގެވުމަށް ނިންމާފައެވެ.

ސިވިލްސާވިސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ޝަހީދު އައްޔަން ކުރައްވާފައިވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބް ރައީސްގެ މަޤާމަށް އޭނާ އައްޔަންކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަހުއެވެ.

ސިވިލްސާވިސް ކޮމިޝަނުން އެކޮމިޝަންގެ ނައިބް ރައީސް ޝަހީދު މުހައްމަދު މަޤާމުން ވަކިކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާިއ ބެހޭ ކޮމިޓީން ކުރަމުންދާއިރު، ޙިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރު މޫސާ ޢަލީ ކަލޭފާނުވެސް މަޤާމުން ވަކިކުރުމަށް އެ މައްސަލަ ކުރިއަށްގެންދަން މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުއްވާފައެވެ.