ޚަބަރު

"ޝަހީދުންގެ ބިނާ" ފަރުމާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި


ދިވެހިރާއްޖޭގައި ހިނގާފައިވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުގައި ޝަހީދުވެފައިވާ ދިވެހިންގެ ހަނދާނުގައި ޤައުމީ ފެންވަރުގެ ބިނާއެއް ޤާއިމުކުރުމަށްޓަކައި ޝަހީދުންގެ ބިނާއެއް ފަރުމާކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްއިން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ހޮވޭ ފަރުމާ ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ޖުމްހޫރީ މައިދާނުގައި "ޝަހީދުންގެ ބިނާ"ގެ ނަމުގައެވެ. މި ބިނާ ވެގެންދާނީ މިޤައުމުގައި ޝަހީދުވެފައިވާ އެންމެހާ ދިވެހިންގެ ހަނދާނުގައި ހެދިގެންދާ ބިނާއަކަށްކަމަަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޝަހީދުންގެ ބިނާ ފަރުމާކުރުމަށް ކުރިމަތިލާ ފަރާތުގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހެއެވެ. އަދި އެ ބިނާގެ ފަރުމާ ހުށަހަޅަންޖެހޭ މިންގަނޑުތަކާއި ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ފަރުމާތައް ހުށަހަޅަންޖެހޭ އެންމެ ފަހު ސުންގަޑިއަކީ މިމަހުގެ 24 ވާ ބްރާސްފަތި ދުވަހުގެ ހެނދުނު 10:00 އެވެ.

މިމުބާރާތުގައި އެންމެ ރަނގަޅު ހުށަހެޅުން ވެގެންދާނީ މިމުބާރާތް ރާވާ ހިންގާ ފަރާތްކަމުގައިވާ "ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު"ގެ މިލްކެއްގެ ގޮތުގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިމުބާރާތާބެހޭ އިތުރު މަޢުލޫމާތު، އެމްއެންޑީއެފްގެ ވެބްސައިޓުގައި ވަނީ ޝާއިޢުކޮށްފައެވެ.