ވިޔަފާރި

ދެކުނު އޭޝިޔާ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުން ވަނީ މަޑުޖެހިފައި!


ދެކުނު އޭޝިޔާ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުން މަޑުޖެހިފައިވާކަމަށް ވޯލްޑް ބެންކުން ހާމަކޮށްފިއެވެ.

ދެކުނު އޭޝިޔާ ސަރަޙައްދުގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވޯލްޑް ބެންކުން އާއްމުކުރި ރިޕޯޓުގައިވާގޮތުން، މިސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުން މަޑުޖެހިފައިވަނީ ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކުއެވެ. އެގޮތުން ދެކުނު އޭޝިޔާ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުން 6 އިންސައްތައިގައި ހުންނާނެކަމަށް ކުރިން ލަފާކުރި ނަމަވެސް، އެ އަދަދު 5.9 އިންސައްތައިގައި މަޑުޖެހޭނެކަމަށް މިހާރު ލަފާކުރާކަމަށް ވޯލްޑް ބެންކުން ބުނެއެވެ.

މިރިޕޯޓުގައިވާ ގޮތުން މީގެ ކުރިން އިޤްތިޞާދީ ކުރިއެރުން ބިނާވެފައި އޮތް އެތެރޭގެ ޑިމާންޑް ހީނަރުވެ، މުޅި ސަރަޙައްދުގެ އިޤްތިޞާދުވެސް ވަނީ މަޑުޖެހިފައެވެ. މުޅި ދެކުނު އޭޝިއާގައި ވެސް އިމްޕޯޓްކުރެވޭ މުދަލުގެ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ޕާކިސްތާން އަދި ސްރީލަންކާގެ އިމްޕޯޓް ވަނީ 15 އިންސައްތަ އާއި 20 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ގޮސްފައެވެ. އިންޑިއާގައި، އެތެރޭގެ ޑިމާންޑް ވެއްޓި، އަމިއްލަ ފަރާތްތަކުން ބޭނުންކުރާ މުދަލާއި ޚިދުމަތުގެ ނިސްބަތް ކުރިއަރަމުންދާ މިންވަރު މިދިޔަ ކުއާޓަރުގައި 3.1 އިންސައްތައިގައި ހުރިއިރު، އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުގައި އެ މިންވަރު ހުރީ 7.3 އިންސައްތައިގައެވެ. އިންޑިއާގައި، ސިނާޢީ އުފެއްދުންތެރިކަން 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި 1 އިންސައްތައިގައި ހުރިއިރު، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ މިންވަރު ހުރީ 10 އިންސައްތައިގަ އެވެ.

ވޯލްޑް ބެންކުން ދެކުނު އޭޝިޔާ ސަރަޙައްދަށް ކަނޑައަޅާފައިވާ ހުންނަވާ ވައިސް ޕްރެޒިޑެންޓް ހާޓްވިގް ޝޭފާ ވިދާޅުވީ ސިނާޢީ އުފެއްދުންތެރިކަމާއި އިމްޕޯޓް ކުރެވޭ މުދަލުގެ ނިސްބަތް ދަށަށް ދިއުމާއި، މާލީ މާކެޓްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ދެކުނު އޭޝިއާގެ އިޤްތިޞާދީ ކުރިއެރުން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ހާމަވާކަމަށެވެ. އަދި ދުނިޔޭގެ އިޤްތިޞާދު އަދި އެތެރޭގެ ޝައްކުތަކުގެ ހިޔަނި ސަރަޙައްދީ އިޤްތިޞާދީ ކުރިއެރުމަށް އެޅިފައިވާއިރު، އަމިއްލަ ފަރާތްތަކުން ބޭނުންކުރާ މުދަލާއި ޚިދުމަތްތަކުގެ ނިސްބަތް އިތުރުކޮށް، އިންވެސްޓްމަންޓްތައް ފުޅާކުރެވޭނެ ފަދަ އިޤްތިޞާދީ ސިޔާސަތުތަކެއް ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުން ގެންގުޅެން ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ވޯލްޑް ބެންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދެކުނު އޭޝިއާ އަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ މަޑުޖެހުން ރަމްޒުކޮށްދެނީ 2008 އަދި 2012 ވަނަ އަހަރު ކުރިމަތިވި އިޤްތިޞާދީ އަދި ވިޔަފާރީގެ ހީނަރުކަމެވެ. އެއާ އެކު، އަމިއްލަ ފަރާތްތަކުން ބޭނުންކުރާ މުދަލާއި ޚިދުމަތްތަކުގެ ނިސްބަތް އަދި އިންވެސްޓްމަންޓްތައް ކުޑަ ތަންކޮޅެއް ނަމަވެސް އިތުރުކުރަންޖެހޭކަމަށް ރިޕޯޓުގައިވެއެވެ. އޭރުން ދެކުނު އޭޝިއާގެ އިޤްތިޞާދީ ކުރިއެރުން އިރުމަތީ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދަށް ވުރެ ތަންކޮޅެއް މައްޗަށް ޖެހިލައި، 2020 ވަނަ އަހަރު 6.3 އިންސައްތަ އަށް އަދި 2021 ވަނަ އަހަރު 6.7 އިންސައްތަ އަށް އަރާނެ ކަމުގެ ޢުންމީދު ރިޕޯޓުގައި ހާމަކޮށްފައިވެ އެވެ.

ރިޕޯޓުގައި ޚާއްސަ ގޮތެއްގައި ފާހަގަކޮށްފައިވާ ގޮތުން، އިޤްތިޞާދުތައް ފުޅާވަމުން އަންނަ ވަރަކަށް، ދެކުނު އޭޝިއާގެ ޤައުމުތަކުން ވަނީ ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުން ރަނގަޅުކުރުމަށްޓަކައި ލާމަރުކަޒީ ނިޒާމެއް ޤާއިމްކުރުމަށް އަހައްމިއްޔަތުކަންދޭކަން ފާހަގަކޮށްފައިވެއެވެ. ޞިޔާސީ އަދި މާލީ ޒިންމާތައް ސަރަޙައްދީ ސަރުކާރުތަކަށް ބަދަލުކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތަކެއް މުޅި ދެކުނު އޭޝިއާ ސަރަޙައްދުގައި ކުރެވެމުން އަންނައިރު، ލާމަރުކަޒު ކުރުމަށް ކުރެވެމުން އަންނަ މި މަސައްކަތްތަކުގެ އެންމެ އެދެވޭ ނަތީޖާ މިހާތަނަށް ފެނިފައިނުވާކަމަށް ވޯލްޑް ބެންކުން ބުނެއެވެ.

އެހެންކަމުން ލާމަރުކަޒީ ނިޒާމެއް އެންމެ އެކަށޭނަ ގޮތުގައި ހިންގުމަށްޓަކައި، ސަރަޙައްދީ ފެންވަރުގައި އުފެއްދުންތެރި ޚިޔާލުތައް ކުރިއަރުވައި އެ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް މައި ސަރުކާރުތަކުން އެހީތެރިވެދިނުމާ އެކު، ކޮލިޓީ ކޮންޓްރޯލް ކުރަންޖެހޭކަން ވޯލްޑް ބެންކުން ފާހަގަކުރެއެވެ. އެގޮތުން ހަމައެކަނި ބާރުތައް ދިނުމުގެ ބަދަލުގައި، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރަޙައްދީ ސަރުކާރުތައް ބާރުވެރިކުރުމުގެ މަސައްކަތުގައި މައި ސަރުކާރަށް އިސް ދައުރެއް އަދާކުރެވޭނެ ގޮތަކަށް، ސަރުކާރުގެ އެކި ފަންތިތަކުގައި އެއްބާރުލުން ދެވޭނެ ފަދަ ނިޒާމެއް ގާއިމްކުރުމަށް ވޯލްޑް ބެންކުގެ ރިޕޯޓުގައި ގޮވާލާފައިވެއެވެ.