ޓެކްސްއާއި ފީގެ ގޮތުގައި މިދިޔަމަހު މީރާއަށް 1.2 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނީ މިދިޔަމަހު މީރާއަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު މީރާއަށް ލިބުނު އާމްދަނީއަށްވުރެ 3.2 އިންސައްތަ ދަށް އަދަދެއްކަމަށެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 13 އިންސައްތަ ދަށް އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ.
މީރާއިން ބުނީ ވޭތުވެދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު، މި އަހަރުގެ ސެޕްޓެންބަރު މަހު ޖީ.އެސް.ޓީ، ބީ.ޕީ.ޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވާކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހަށްވުރެ މިއަހަރުގެ ސެޕްޓެމްބަރުމަހު ލިބުނު އާމްދަނީ ދަށްވެފައިވަނީ 2018 ގައި ލޭންޑް އެކިއުޒިޝަން ފީ އަދި ކޮންވަރޝަން ފީ ގެ ގޮތުގައި ލިބިފައިވާ ފައިސާއަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާ އެއް ކަމަށް ވާތީކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، މި އަހަރުގެ ސެޕްޓެންބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ، އެ ފައިސާ ދައްކަންޖެހޭ ސުންގަޑިއަށް ދައްކާފައި ނުވާތީކަމަށްވެސް މީރާއިން ބުނެއެވެ.
މީރާއިން ބުނާގޮތުން މިދިޔަމަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 42.6 އިންސައްތަ ނުވަތަ 519.95 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް އިންނެވެ. އެއީ 26.9 އިންސައްތަ ނުވަތަ 328.79 މިލިއަން ރުފިޔާއެވެ. މީގެއިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 74.34 މިލިއަން ރުފިޔާ، ބީ.ޕީ.ޓީގެ ގޮތުގައި 68.34 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 66.79 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 162.32 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.
މީރާއިން މަޢުލޫމާތުދޭ ގޮތުގައި ސެޕްޓެމްބަރުމަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 56.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.