ޚަބަރު

މަޝްހޫރު ގާނޫނީ ވަކީލް މުޙައްމަދު ނަޝީދުގެ ލޯފާރމް ގޮތްޕެއް ކުޅުދުއްފުށީގައި ހުޅުވައިފި


ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލް އަލްއުސްތާޒް މުޙައްމަދު ނަޝީދުގެ، ލޯ ފާރމް އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ހުޅުވި މި އޮފީހަކީ ނަޝީދުގެ ލޯ ފާރމްގެ އުތުރުގެ ގޮއްޕެވެ. މި އޮފީހަށް ދީފައިވާ ނަމަކީ "ނަޝީދު އެންޑް ކޯ" އުތުރު ގޮތްޕެވެ. މި އޮފީސް ހުޅުވައިދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަޠީފް ޙަސަނެވެ. މިތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކުރައްވައި މާލޭގައި ހުންނަ ލޯ ފާރމްގެ މުވައްޒަފުންނާ ވަނީ މުޢާމަލާތު ކޮށްފައެވެ.

މާލޭގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކުރައްވައި ނަޝީދު ވިދާޅުވީ، ދެކުނުގައި ހުޅުވާ ލޯ ފާރމް ގޮފި ހުޅުވުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. ދެކުނު ގޮފި ހުޅުވުމަށް ހަމަޖެހިފައިވަނީ ގދ ތިނަދޫގައެވެ. އަދި މިފަދަ ކަމެއް ކުރައްވަނީ ގާނޫނީ ގޮތުން ރަނގަޅު ލަފާ ނުލިބި ގިނަ ބަޔަކަށް ދެރަ ގޮތްތައް ދިމާވުން، ތަޖުރިބާއިން ފާހަގަކުރެވިގެން ކަމަށެވެ. މައްސަލަތަކުގައިވެސް ބޮޑެތި ޢަދަދުތަކުން ފައިސާ ޚަރަދު ކުރަން ޖެހޭކަމަށާއި، އެކަށީގެންވާ ޤާނޫނީ ލަފާ ނުލިބުމުން، އެކަމުގައި ބެދެން ނުޖެހޭމީހާ ބެދި، ދެރަ ގޮތްތަކެއް ދިމާވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އުތުރުގެ މިލޯ ފާރމް އޮފީހުން މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކާއި ވިޔަފާރީގެ މައްސަލަތައް އަދި އާއިލީ މައްސަލަތަކުގައި ގާނޫނީ ލަފާ ލިބޭނެ އެވެ. މި އޮފީހުގައި ދެ ވަކީލުންނާއެކު މަސައްކަތް ފެށިކަމުގައިވިޔަސް ބޮޑުތިލަދުންމަތީގައި ތިބި ގާނޫނީ ވަކީލުންނަށް އެ ބޭފުޅުންނާ ގުޅިގެން ވަކާލާތު ކުރެވޭނެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރަމުންދާކަން ނަޝީދުވިދާޅުވިއެވެ. . ކުޅުދުއްފުށީގައި ތިބެގެންވެސް މާލޭގައި މަސައްކަތްކުރާ ވަކީލުންނާވެސް ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުއްލަޠީފް ޙަސަން ވިދާޅުވީ، ރާއްޖޭގައި ތިއްބެވި ތަޖުރިބާކާރު ގާނޫނީ ބޭފުޅުންގެ ޓީމެއްގެ މިފަދަ އޮފީހެއް ރަށުގައި ހުޅުވިގެން ދިޔުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި މި ޚިދުމަތުގެ ސަބަބުން ކުޅުދުއްފުއްޓާއި އެސަރަހައްދުގެ ރައްޔިތުންނަށް ޤާނޫނީ ދާއިރާއިން ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޢުއްމީދު ކުރައްވާކަމަށެވެ. މިއީ މާލޭގައި ޤާއިމްވެތިބެ ގާނޫނީ ޚިދުމަތްދޭ ފަރާތްތަކުން ރާއްޖޭގެ އެހެން ހިސާބެއްގައި ގޮފި ހަދާ ފުރަތަމަ އޮފީހެވެ.