ޚަބަރު

ކުޅުދުއްފުށީގެ ޗަކަ މަގުތަކަށް ހައްލެއްއްގެ އިންތިޒާރުގައި


ކުޅުދުއްފުށި ދަންނަ އެއްވެސް މީހަކަށް ކުޅުދުއްފުށީގެ މަގުތަކުގެ ހާލަތުގެ އާ ވާހަކައަކަށް ނުވާނެ އެވެ. އަދި އެއީ ދައްކާ ކޮޅުންނުލާނެ ވާހަކައެކެވެ. އަދި ކުޅުދުއްފުށީ މަގުތަކުގެ ވާހަކަޔަކީ އެރަށުގެ ރައްޔިތުންގެ ޖަޒުބާތާ ކުޅެލާ ވާހަކައެކެވެ. ވިއްސާރަ މޫސުމުގައި ޝޯސަލް މީޑިއާގެ ސްޓޭޓަސް ތައް މި މައުޟޫގައި ނިކަން ހިނގާނެވެ. ލައިކްތަކާއި ކޮމެންޓްތަކުން ބަންޑުންވާނެ އެވެ. ނަމަވެސް އެހެންނަމަވެސް ވިއްސާރަ މޫސުމް މާޒީގެތެރެއަށް ދާ އިރަށް އޭރު ހުރި ޖޯޝާ ފޯރިކެނޑި މަގުތައްވެސް މާޒީގެ ތެރެއަށް ގޮސް މިޒަމާނުގެ ބަހުންނަމަ ޑިލީޓް ވެގެން ދެއެވެ.

ވާރޭވެހޭ މޫސުމުގައި ކުޅުދުއްފުށީގެ ރައްޔިތުންނަށް ބޭރަށްނުކުމެ އުޅުން މިހާރު އޮންނަނީ ބިރަކަށްވެފައެވެ. ބޮޑެތިފެންގަނޑު ގަނޑާއެކު ވަޅުގަނޑުތަޢް ނުހަނު ގިނައެވެ. މަގުތަށް ކިތައްމެ ހިތުދަސް މީއަށްވެސް މަގުގައި ފެން ހެދުމުން މިކަން އޮންނަނީ ބިރުވެރިކަމަކަށް ވެފައެވެ.

ވިއްސާރަ މޫސުމަކީ މިހާރު ކުޅުދުއްފުށީ ރައްޔިތުންނަށް ފިސާރި ބޮޑު އަނިޔާ އެކެވެ. ފެންހެދުމުގެ މައްސަލަ މި ދަރަޖައަށް ދިއުމުގައި ފަރުދީ ޒިންމާ އަދާކުރުމުގައި ވެފައިވާ އިހުމާލަކީވެސް ހިތާމަކުރަން ޖެހޭ ކަމެކެވެ. ގޭބިސީތަކުގެ ދިޔަދޮވި ތަކުގެ ހޮޅިތައް މަގުމައްޗަށް ދޫ ކޮށްލާފައި ހުރުމާއި ފުރާޅުން ފައިބާހައި ފެނެއް މަގުތަކަށް ދޫކޮށްލާފައި ހުރުމުން އެކަމުގެ ނުރައްކާތެރި ކަން ދަނީ ބޮޑުވަމުންނެވެ.
ފޯރާ މީހުންގެ އަމަލުތައްވެސް މިކަމުގައި ހުންނަނީ ނިކަން ނޭދެވޭ ގޮތަކަށެވެ. މަގަށް ދޫކޮށް ނުލައި ގޭތެރެގައި ހިންދޭނޭ ނިޒާމެއް ޤާއިމު ކުރުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ހެދިއްޖެ ނަމަ ކުޑަވަރެއްގެ ހައްލެއް ލިބުނީ އެވެ. ކައުންސިލްގައިވެސް ދިޔަދޮވި ޤަވާއިދެއް އޮންނަ އިރު ތަންފީޒު ކުރުމުގެ ޒިންމާ އުފުލަނީ ކޮން ފަރާތެއް ކަމެއް ނޭނގެ އެވެ.

ކުޅުދުއްފުށީގެ ރައްޔިތުންގެ މި ނުތަނަވަސްކަން ކުޑަކުރުމަށް މަގުތަކަށް ވެލިއަޅައި އެއްވަރުކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ޕަބްލިކްވޯކްސްއިން ކުރަމުން އެބަގެންދެއެވެ. އެހެންނަމަވެސް މިމަސައްކަތް ދަނީ އެންމެ ރަނގަޅު ސްޕީޑްގައި އެންމެ އެކަށީގެންވާ ގޮތަކަށްނޫންކަން ކުޅުދުއްފުށީގެ ބައެއް ރައްޔިތުން ފާހަގަ ކުރެއެވެ. . ކުޅުދުއްފުށީ ޕަބްލިކްވޯކްސްގެ ޕްރޮޖެކްޓް މެއިންޓަނަންސް ކޯޑިނޭޓަރ އަލީ މުހައްމަދު ޕީ އެސް އެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުޅުދުއްފުށީގެ ހުރިހާ މަގެއްވެސް ހުރީ ވެލިއަޅާ އެއްވަރުކުރަންވެފައި ކަމަށާއި ، ވޭތުވެދިތަ 5 މަހެއްހާ ދުވަހުގެ ތެރޭގައި 70 މަގަކަށްވެލިއަޅާ ލެވެލްކުރުމުގެ މަސައްކަތް ނިމިފައި ކަމަށެވެ. އަދި އަންނަ ޖެނުއަރީގެ ނިއަލަށް 90 އިންސައްތަ މަގަށް ވެލިއަޅައި ލެވެލް ކުރުމުގެ މަސައްކަތް ނިންމޭނެކަމަށް ލާފާކުރެވޭކަމަށް ކަމުގައި އަލީ ވިދާޅުވިއެވެ.

ސަރުކާރުން ކުޅުދުއްފުށީގެ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް 2011 ވަނަ އަހަރު ފަށާފައިވާއިރު އޭރު ފެށި ޕްރޮޖެކްގެ ދަށުން ކުޅުދުއްފުށީގެ 18 މަގެއްގައިވަނީ ތާރުއަޅާ ނިންމާފައެވެ. ހިތާމަޔަކީ ކުޅުދުއްފުށީ ތާރު ނާޅާ މަގުތަކެކޭ އެއްގޮތަށް ވިއްސާރަ މޫސުމުގައި ތާރު އަޅާ ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގުތަކުގަވެސް ފެންބޮޑުވާކަމެވެ. އަލީ މުހައްމަދު ފާހަގަ ކުރެއްވިގޮތުގައި ތާރު އަޅާފައި ހުރި މަގުތަކުގައި ފެންބޮޑުވަނީ ކާނުތަކުގައި ހޮޅިތައްވަޅުލާފައިވާގޮތުންކަމަށެވެ. އަދި އެމައްސަލަ ހައްލުކުރުމަށް ކާނު ސާފުކުރުމުގެ އިތުރުން ތާރުކަނޑައިގެން ބައެއް މަސައްކަތްތައް ކުރަން ޖެހިފައިވާތީ އެމަސައްކަތްތައްވެސް ކުރަމުންދާކަމަށެވެ. އެހެންމަވެސް މިމަސައްކަތް ތައްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމުގައި އަލީ މުހައްމަދު ފާހަގަކުރެއްވިއެވެ.

މިފަދަ ވާހަކަ އަކީ ދައްކަން ފަށައިފިއްޔާ ހުއްޓާލަންވެސް އުނދަގޫ ވާހަކަތަކެވެ. ވާހަކަ ދެއްކިޔަސް އަދި ހައްލެއް ނެތެވެ. ހައްލު ހޯދޭނެ ގޮތްތަކެވިސްނަން ވަރަށް ބޮޑަށް ލަސްވެއްޖެ އެވެ. ކުޅުދުއްފުށީކަހަލަ އާބާދީ ބޮޑުރަށެއްގައި މިއީ ވަރަށް ގިނަބަޔަކަށް އުނދަގޫވެފައިވާ މައްސަލައެކެވެ. ރައްޔިތުންތިބީ ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.