ޚަބަރު

ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ސުނިލް ޝެޓީ


ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސުނިލް ޝެޓީ ހަމަޖައްސައިފިއެވެ. ފިލްމީ ދާއިރާއަށްވުރެއް ބޮޑަށް ސުނިލް ޝެޓީ މިހާރު މަސައްކަތް ކުރަމުންދަނީ ފިޓްނަސް އިންޓަސްޓްރީގައެވެ.

ރާއްޖޭގެ ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާންގައި ބުނެފައިވަނީ އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ސުނިލް ޝެޓީވަނީ ރާއްޖޭގެ ވެލްނެސް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިކަމަށެވެ. އަދި ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއެކު ސުނިލް ޝެޓީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށާ، މިޕްރޮގްރާމްގެ އަމާޒްއަކީ ރާއްޖެއަކީ ދުޅަހެޔޮ ގައުމަށްއަކަށް ހެދުން ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

"މިޝަން ފިޓް މޯލްޑިވްސްގެ" ނަމުގައި ފަށާ މިޕްރޮގްރާމްގެ އަމާޒްއަކީ ރާއްޖެއަކީ ފިޓްނަސްގެ ކަންތަށްތަކަށް ލޯ ހުޅުވިފައިވާ ޤައުމަކަށް ހަދައި، ރާއްޖޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ހަށިހެޔޮ ރައްތިތަކަށް ހެދުމެވެ. ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސުނިލް ޝެޓީ ހަމަޖެއްސުމާއި ގުޅިގެން ސުނިލް ޝެޓީބުނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަހުރެއްކަމަށެވެ.

ދުޅަހެޔޮ ހަށިހެޔޮ ބަޔަކު ރާއްޖޭގައި ދިރިއުޅުމުގެ އަމާޒްގައި ޔޫތް މިނިސްޓްރީންވަނީ ސްޕޯޓްސް ކައުންސިލަރުންނަށް ތަމްރީން ދިނުމަށްފަހު ރާއްޖޭގެ ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ހަމަޖައްސާފައެވެ.

ރާއްޖޭގެ މީހުން އުޅޭ 61 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާ، އަމާޒަކީ ކުރިއަށް އޮތް ދެއަހަރުގެ ނިމެންވާއިރަށް ކޮންމެ ރަށެއްގައި މިފަދަ އައުޓްޑޯ ޖިމްތައް ގާއިމް ކުރުންކަމަށް ޔޫތް މިނިސްޓްރީއިން މަޢުލުމާތުދެއްވައެވެ.