މިނިވަން 50 ގެ 2 ޕްރޮޖެޓަކުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އެކައުންޓަށް ފައިސާ ވަތް މައްސަލަތަކެއް އޭސީސީން ތަޙުގީގުކުރަމުންދާކަމަށް އޭސީސީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އޭސީސީގެ އޮފިޝަލަކު ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަންގެ ގޮތުގައި ހިންގާފައިވާ ކަންތައްތަކުގެ ތެރެއިން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެކޮމިޝަނަށް ފާހަގަކުރެވޭ އެފަދަ މައްސަލަތައް މިހާރުވެސް ތަޙުޤީގުކުރަމުންދާކަމަށެވެ.
މިނިވަން 50ގެ މަސައްކަތްތަކުގެ ތެރެއިން ކޮރެޕްޝަނަށް މަގުފަހިވާގޮތަށް ހިންގަވާފައިވާ ކަންތައްތަކުގެ ތެރެއިން 2 ކަމެއްގައި ރައީސް ޔާމީންގެ އެކައުންތަށް ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ބަލާކަން ހާމަކުރެއްވިޔަސް އޭގެ މާބޮޑު ތަފްސީލެއް އޭސީސީއަކުން އަދި ނުލިބެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވި އޮފިޝަލް ވިދާޅުވީ މި ދެމައްސަލަޔަކީވެސް އޭސީސީން މިހާރުވެސް ތަޙުޤީޤު ކުރަމުންދާ މައްސަލަތަކެއް ކަމަށްވުން ތަހުގީގަށް ހުރަސް އެޅިދާނެތީ އިތުރު ތަފްސީލެއް ހާމަކުރެވެން ނެތްކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ބަލަމުންދަނީ މިނިވަން 50ގެ ހަރަކާތްތަކުގައި ބޭނުންކޮށްފައިވާ ސައުންޑް އެންޑް ލައިޓިންގެ މަސައްކަތް ހަވާލުކުރި ބޭރުގެ ކުންފުންޏަކާއެކު ޕާޓްނާޝިޕް ހަދާފައިވާ ދިވެހި ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ 2 މައްސަލައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިބޭރު ކުންފުނިން ރާއްޖޭގެ ކުންފުނި ބޭނުންކޮށްފައިވަނީ ފައިސާގެ މުއާމަލާތުކުރުމަށް ފަސޭހައެއްގެގޮތުންނެވެ.
ދާދިފަހުން ކ.ހުރާގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ވަންނަކަމަށާ، ނަމަވެސް އޭގައި ގޯހެއްވާނަމަ ތަޙުޤީޤު އިދާރާތަކުން އެކަން ސާބިތުކޮށްދެއްވަން ޖެހޭކަމަށެވެ.
"އަޅުގަނޑު ތަންތަނަށް ތަޅުވާ މިސަކަރާތް ޖެހިދާނެ. މިހާރުވެސް އަޅުގަނޑު މިދަތުރުގައި އުޅޭތީ އަނެއްކާވެސް އެބަކިޔާ މިނިވަން 50ގައި ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި ރައީސް ޔާމީން އެކައުންޓަށް ފައިސާ ވަނޭ. ރައީސް ޔާމިންގެ އެކައުންޓަށް ފައިސާ ވަންނާނެ އެކަމު ސަރުކާރުން ސާބިތުކުރައްވާ، ފުލުހުން ސާބިތުކުރައްވާ އޭގައި ގޯހެއް އުޅެންޏާ،" ޔާމީން ވިދާޅުވިއެވެ.
ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ގިނަ މައްސަލަތަކެއް ތަހުޤީގުކޮށް އެމްއެމްޕީއާރުސީގެ މަނީ ލޯންޑަރިންގެ މައްސަލާގައި ރައީސް ޔާމީނަށް ވަނީ ދަޢުވާކޮށް ހުކުމުގެ މަރުހަލާއާހަމައަށް ގޮސްފައެވެ. ނަމަވެސް މިމައްސަލަތަކާއި ގުޅިގެން ރައީސް އަބްދުﷲ ޔާމިން ވިދާޅުވެފައިވަނީ އެއްވެސް މައްސަލައެއް އެމަނިކުފާނުގެ މައްޗަށް ސާބިތު ނުކުރެވޭނެކަމަށެވެ. މަނީލޯޑަރިންގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ދައުވާގެ ހުކުމް އިއްވުން ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.