ޚަބަރު

ގއ. ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުގެ ލެބޯރޓްރީގެ ޙިދުމަތް ރަސްމީކޮށް ފަށައިފި


ގއ. ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުގެ ލެބޯރޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްޢުޛްތާޒް ޢަލީ ޒާހިރުއެވެ. ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުގައި ލެބޯރޓްރީގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ މެޝިންތަކާއި، ޓެސްޓްތައް ހެދުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމްކޮށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ ޚިދުމަތް ފަށާފައެވެ.

ކަނޑުހުޅުދޫ އަކީ ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގެ މީހުން މީގެ ކުރިން މި ޚިދުމަތް ހޯއްދަމުން އައީ އެރަށާ ކައިރި ހިސާބުގައިހުރި އެ ޚިދުމަތްދޭ ރަށްރަށުންނެވެ.

ކަނޑުހުޅުދޫގައި މި ޚިދުމަތް ތަޢާރަފް ކުރުމުގެ ސަބަބުން މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެއެވެ. ކަނޑުހުޅުދޫގެ އިތުރުން އިތުރުން މިހާރު އެ އަތޮޅުގެ 5 ހޮސްޕިޓަލަކުން ލެބޯޓްރީގެ ޚިދުމަތް ލިބޭނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އޭގެ ތެރޭގައި ގއ. އަތޮޅު ހޮސްޕިޓަލާއި ގެމަނަފުށި ސިއްޙީ މަރުކަޒާއި ދާއްދޫ ސިއްޙީ މަރުކަޒުގެ އިތުރުން ދެއްވަދޫ ސިއްޙީ މަރުކަޒާއި ކޮލަމާފުށި ސިއްޙީ މަރުކަޒުގައިވެސް މި ޚިދުމަތް ދެމުންދާކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.