ޚަބަރު

ރާއްޖޭގެ 5 ސަރަޙައްދުގައި ނަފްސާނީ ބައްޔަށް ފަރުވާދޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރާނަން - އަމީން


ރާއްޖޭގެ 5 ސަރަޙައްދެއްގައި ނަފްސާނީ ބައްޔަށް ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރައްވާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަމީން މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާގަކުރުމަށް އައިޖީއެމް ހޮސްޕިޓަލުން ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ނަފްސާނީ މައްސަލަތަކުގެ ވާހަކަ ނުދެކެވި އޮތުމަށްފަހު، އަނެއްކާވެސް މިވާހަކައިގެ އަޑު ގަދަވެފައިވާކަމަށެވެ. އަދި ނަފްސާނީ ބަލިތަކަކީވެސް ފަރުވާ ބޭނުންވާ ކަމެއްކަން އެނގި އެކަމަށް ފަރުވާ ހޯދާ މީހުން އިތުރުވެފައިވާކަމަށެވެ. މިހާރު މާލެއިން އެކަނި މިކަމުގުގެ ފެންވަރު ރަނގަޅު ފަރުވާތައް ލިބުނު ނަމަވެސް ކުރިއަށް ހުރި އަހަރުތަކުގައި އަތޮޅު ތެރެއަށްވެސް ނަފްސާނީ ބަލިތަކުގެ ފަރުވާ ފުޅާކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ދާއިރާއިން ގިނަ މަސައްކަތްތައް ކުރަން އެބަހުރި. ރާއްޖޭގައި 5 ސަރަޙައްދުގައި މި އަޅާ ހޮސްޕިޓަލްތަކާއިއެކު މި ތަންތަނުން ނަފްސާނީ ބަލީގެ ފަރުވާ ލިބޭނެ ހަރުދަނާ ނިޒާމެއް ހަމަޖައްސާނަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ނަފްސާނީ ބައްޔަކީވެސް ޖިސްމާނީ ބަލިތަކަށް ފަރުވާ ބޭނުންވާގޮތަށް ފަރުވާ ބޭނުންވާ ކަމެއްކަން މީހުންނަށް ވިސްނައިދޭންޖެހޭކަމަށެވެ. އަދި މިފަދަ ބަލިިތަކުން ދުރުހެލިވުމަށް ދިރިއުޅުމުގެ ވައްތަފާޅިއަށްވެސް ހެޔޮ ބަދަލުތައް ގެންނަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް އިން ސައިކޭޓްރީ ޑރ.އާރިފް މުޙައްމަދު ވިދާޅުވީ މިފަދަ ބަލިތަކަށް މުޖުތަމަޢުގެ އަޅާލުން ކުޑަވާގޮތަށް، ދާއިރާގެ ތެރެއިންވެސް ނަފްސާނީ ބަލީގެ ޚިދުމަތްތައް ފުޅާކުރުމަށްދޭ ސަމާލުކަން އެހެން ޒާތުގެ ބަލިތަކާއި އަޅާ ބަލާއިރު ކުޑަކަމަށެވެ. އޭނާ ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލްގައި ހެދި ސެންޓަރ ފޯރ މެންޓަލް ހެލްތާއިއެކު ޚިދުމަތުގެ ފެންވަރަށް ހެޔޮ ބަދަލު އަންނަން ފަށާފައިވާކަމަށެވެ. އެހެން ނަމަވެސް އަދިވެސް މި ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ.

"4 އެނދު މިހުރީ އެޑްމިޓްކޮށްގެން މިފަދަ ބަލިތަކަށް ފަރުވާ ދޭން. ނަފްސާނީ ބައްޔަށް ދޭ ސަމާލްކަން ކުޑަވެފައި، ސިއްޙީ ނިޒާމުގެ ތެރެއިން ކަންކަން ރޭވުމުގައިވެސް އެބަހުރި އިހުމާލުވެފަ. އައިޖީއެމްއެޗްގައި ވަރަށް އަވަހަށް އެނދު އިތުރުކޮށް، ޚިދުމަތްތަކާއި، ބޭހާއި ތެރަޕީތައްވެސް އިތުރުކުރާނަން." ޑރ.އާރިފް ވިދާޅުވިއެވެ.

މި ޙައްފަލާގައިވަނީ ސެންޓަރ ފޮރ މެންޓަލް ހެލްތާއި އަލަށް ގުޅުނު މުވައްޒަފުންނާ، ލިޔުން ހަވާލުކޮށްފައެވެ. އަދި ނަފްސާނީ ދުޅަހެޔޮކަށް އިތުރުކޮށް މުޖުތަމަޢު ހޭލުންތެރިކުުރުމަށް ސެންޓަރ ފޮރ ހެލްތް އެޑިއުކޭޝަން ޝީން ކުރާ މަސައްކަތްތައް ފާހަގަކޮށްވަނީ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ. މީގެއިތުރުން މެންޓަލް ހެލްތާއި ގުޅޭގޮތުން ޑަބްލިއު އެޗް އޯގެ ލީފްލެޓްތަކެއްވެސް ވަނީ ނެރެދެއްވާފައެވެ.

ސެންޓަރ ފޮރ މެންޓަލް ހެލްތް އުފެދުނީއްސުރެ މިހާތަނަށް 3081 މީހަކުވަނީ އެސެންޓަރުން ފަރުވާ ހޯދާފައެވެ.