ޚަބަރު

"ޒިންމާދާރު ރައްޔިތުން" ބިނާކުރުމުގެ މިއަހަރުގެ ފަހު މަސައްކަތު ބައްދަލުވުން ނިންމާލައިފި


މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިސްނަންގަވައިގެން ކުރިއަށްގެންދާ "ޒިންމާދާރު ރައްޔިތުން" ބިނާކުރުމުގެ 14ވަނަ މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ.

ސަރުކާރުގެ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މިޕްރޮގްރާމް ނިންމާލާފައިވަނީ ވ.ކެޔޮދޫގައެވެ. މަސައްކަތުބައްދަލުވުން ނިންމާލުމުގެ ގޮތުން ކެޔޮދޫގައި ބޭއްވި ރަސްމިއްޔާތުގައި މިވޯކްޝޮޕްގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޙަރަކާތްތެރިވި ފާރާތްތަކަށާއި ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހޯމް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަރީފް ނަފީސް ވިދާޅުވީ ހޯމް މިނިސްޓްރީގެ އަމާޒަކީ ކަންކަމުގައި މީހުންގެ ހޭލުންތެރިކަން އިތުރުކޮށް ޒިންމާދާރު ކުރުވުންކަމަށެވެ. އެއާއެކު މިޕްރޮގްރާމްތަކަށް ތަރުޙީބު ލިބޭކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ ކުރިއަށްއޮތް އަހަރުވެސް މިޕްރޮގްރާމް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށާ ހުރިހާ އަތޮޅުތަކެއް ކަވަރކުރުން އެއީ މިނިސްޓްރީގެ އުންމީދެއްކަމަށެވެ.

އެކި ދާއިރާތަކުގެ ތަޖިރިބާކާރު ބޭފުޅުން މަޢުލޫމާތުދެއްވި މިމަސައްކަތު ބައްދަލުވުމުގައި ދިމާވާ އެކިމައްސަލަތަކާއި އެމައްސަލަތަކުގެ ޙައްލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ޒިންމާދާރުކަމާއެކު ކަންކަން ކުރާނެ ގޮތާއި އެހެން މީހުން ޒިންމާދާރު ކުރުވުމަށް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް ވާހަކަފުޅުދައްކާފައިވެއެވެ. އެގޮތުން މިމަސައްކަތު ބައްދަލުވުމުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގެންނެވި އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން ޑިވޮލޮޕްމަންޓް އޮފިސަރ ނާސިރާ ސާދިގު ވިދާޅުވީ ރަށްރަށުގެ އިސްވެރިންގެ ގޮތުގައި ޙަރަކާތްތެރިވާ ބައެއް ފަރާތްތަކަށް އެފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެނގެންވާ މިންވަރަށް ނޭންގޭކަމަށެވެ. އެހެންކަމުން މިފަދަ މަސައްކަތު ބައްދަލުވުންތަކުގެ މުހިންމުކަން ނާސިރާ ފާހަގަކުރެއްވިއެވެ. ނާސިރާ ވިދާޅުވީ ފަރުދެއްގެ ހައިސިއްޔަތުން ކޮށްދެވޭނެ ކަންތަކާއި އާންމު ޤަވާޢިދުތައް ކޮންމެ މީހަކަށްވެސް އެނގުން މުހިންމުކަމަށެވެ.

ދެދުވަހުގެ މުއްދަތަށް ވ.ކެޔޮދޫގައި ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައި އެ އަތޮޅުގެ ދެރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކުން 30އަށްވުރެ ގިނަ ބައިވެރިން ވަނީ ހަރަކާތްތެރި ވެފައެވެ.

ހޯމް މިނިސްތްރީން ސިލްސިލާކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމް މިއަހަރުތެރޭ ގިނަ އަތޮޅުތަކެއްގައި ކުރިއަށްގެންގޮސްފައިވެއެވެ. މި މަސައްކަތު ބައްދަލުވުންތަކާއެކު މިނިސްޓްރީން ރަށްރަށުގައި ބެލެނިވެރިންނާއި މުދައްރިސުން އަދި ސްކޫލް ދަރިވަރުން ހޭލުންތެރިކުރުވުމުގެ ބައްދަލުވުންތަކާއި ދީނީ ދަރުސްތައްވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ.