ވިޔަފާރި

މަންޓާ އެއަރގެ ދެވަނަ ސީޕްލޭން ރާއްޖެ ގެނެސްފި


މަންޓާ އެއަރގެ ދެވަނަ ސީޕްލޭން ރާއްޖެ ގެނެސްފިއެވެ.

މަންޓާ އެއަރ އިން މިފަހަރުވެސް ގެނެސްފައިވަނީ "ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ" މަރުކާގެ ސީ-ޕްލޭނެކެވެ.

މި ސީޕްލޭންއަކީ 2 ޕައިލެޓާއެކު 15 ޕަސިންޖަރުންގެ ޖާގައިގެ ބޯޓެއްކަމަށް މަންޓާ އެއަރއިން ބުނެއެވެ.

މަންޓާ އެއަރގެ ފުރަތަމަ ސީ-ޕްލޭން ގެނެސްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މަންޓާއިން ބުނީ ސީޕްލޭންގެ ޚިދުމަތް އަންނަ މަސްތެރޭ ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށާ، ޚިދުމަތް ފަށާނީ މިހާރު އެއެއަރލައިނުން ޚިދުމަތްތައް ދެމުންދާ މަންޒިލްތަކުގެ ކައިރީގައިވާ ރިސޯޓްތަކަށްކަމަށްވެސް މަންޓާ އެއަރއިން ބުނެއެވެ.

އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި ޚިދުމަތް ބޭނުންވާ އެހެންފަރާތްތަކަށްވެސް ފިކްސްޑް ޝެޑިއުލްއަކާ އެޑްވާންސް ބުކިންގ ޚިދުމަތް ދެމުންދާނެކަމަށް މަންޓާއިން ބުނެއެވެ.

މަންޓާ އެއަރއިން ފުރަތަމަ 2 ސީޕްލޭން ރާއްޖެ ގެނެސްފައިވާއިރު "ޑީ.އެޗް.ސީ -6 ޓްވިން އޮޓަރ" މަރުކާގެ އިތުރު 3 ސީޕްލޭނެއް ވެސް މިމަހުގެ ތެރޭގައި ރާއްޖެ ގެންނާނެކަމަށް މަންޓާއިން ބުނެއެވެ.

މަންޓާ އެއަރއިން ސީޕްލޭން ފްލީޓަށް މުޅި ޖުމްލަ 10 ސީޕްލޭން ގެނައުމަށް ވަނީ ނިންމާފައެވެ. 5 ސީޕްލޭން މިމަހުގެ ތެރޭ ގެންނައިރު ބާކީ 5 ސީޕްލޭން މިއަހަރުގެ ތެރޭ ގެންނާނެކަމަށް ވެސް މަންޓާއިން ބުނެއެވެ.

މަންޓާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި އޮޕަރޭޓްކުރާ 3 ވަނަ އެއަރލައިންނެވެ.

މި އެއަރލައިންގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. މިއެއަރލައިންގެ އުދުހުންތައް މި ވަގުތު ބާއްވަމުން ގެންދަނީ ބ.ދަރަވަންދުއަށާއި ދ.ކުޑަހުވަދޫއަށެވެ.