ސިޔާސީ

ދީނަށް ފުރައްސާރަކުރާނަމަ ފިޔަވަޅު އަޅާނަން- ހޯމް މިނިސްޓަރ


އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ރާއްޖޭގެ ޤާނޫނުތަކުން ފިޔަވަޅު އެޅޭނެކަމަށާއި އެކަން މި ސަރުކާރުން ކުރައްވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ސަސްޕެންޑްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެމްޑީއެން ސަސްޕެންޑުކުރި ބަޔާނާއެކީ ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓްގައި ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތްކުރުމަކީ ޤާނޫނީ ފިޔަވަޅު އެޅޭނެ މައްސަލައެއްކަމަށެވެ. އެކަން މިސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އެމްޑީއެންގެ ރިޕޯޓް އެކުލަވާލުމުގެ ފަހަތުގައި ތިބި މީހުންނާއި މެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން 2015 ވަނަ އަހަރު، ”ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް، ގެ ނަމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި އިސްލާމުދީނުގެ އަޞްލުތަކާ ފުށުއަރާ އަދި އިސްލާމްދީނަށާއި، ކީރިތި ރަސޫލާއަށް ތަވްހީނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އެހެންކަމުން މި މައްސަލަ ބަލައި، ދިވެހި މުޖްތަމަޢުގައި ޤާއިމްވެފައިއޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި، އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް، އަޅަމުން ގެންދަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ދީނީ ޝީޢާރު ފާޅުކުރުމުގައާއި، ޤާނޫނުއަސާސީ ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކުގެ ބޭނުން ހިފުމުގައި، މުޅި މުޖުތަމަޢުގެ މަޞްލަޙަތު އިސްކޮށް، އިސްލާމްދީނުގެ މަތިވެރި އަސާސްތަކާ ޚިލާފުނުވުމަށް އެންމެހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

އެމްޑީއެންގެ ރިޕޯޓުގައި ކީރިތި ރަސޫއަށާއި، ކީރިތި ޤުރުއާނާއި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާތީ ގިނަ ބަޔަކު ދަނީ އެ ޖަމްޢިއްޔާ އާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.