ވިޔަފާރި

އެސްޓީއޯއިން ވައިގެ މަގުން ފިޔާ ޝިޕްމަންޓެއް ގެންނަނީ


އެސްޓީއޯއިން ވައިގެ މަގުން ފިޔާ ޝިޕްމަންޓެއް ގެނައުމަށް ނިންމާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ ބާޒާރުގައި މިހާރު އަގުބޮޑުވެފައިވާ ފިޔާގެ މައްސަލައަށް ހައްލެއް ގެނައުމަށް އިންޑިއާއިން ވައިގެ މަގުން މިރޭ ފިޔާ ޝިޕްމަންޓެެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. އަދި މާދަމާއިން ފެށިގެން ކޮންޓްރޯލް އަގެއްގައި، ފިޔާ ކިލޯއެއް 30 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލައިފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިކަމެއް ނާންނާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މިހާރު އިންޑިއާއިން ރާއްޖެއަށް މުދާ އެކްސްޕޯޓުކުރުމުގައި މައްސަލައެއް ދިމާވެފައިވާނަމަ އެކަން ހައްލުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ ސަރުކާރުން މި މައްސަލަ ހައްލުކުރެވެންދެން ކޮންޓްރޯލްޑް އަގެއްގައި ރައްޔިތުންނަށް ފިޔާ ފޯރުކޮށްދޭނެކަމަށެވެ.

ވިޔަފާރިވެރިން ބުނާގޮތުން ރާއްޖޭގައި ފިޔާ އަގުބޮޑުވެގެން އުޅެނީ އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރަމުންދާ 'ޓުޓްކޮރިން' ބަނދަރުން ފިޔާ އެކްސްޕޯޓު ނުކުރެވުމުގެ ސަބަބުންނެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލުމާއެކު، ރާއްޖެއަށް އެންމެ ގިނައިން މުދާ ބޭރުކުރާ ޓުޓްކޮރިން ބަނދަރުން އެއްވެސް ޤައުމަކަށް ފިޔާ ބޭރުކުރުން އޮތީ މަނާކޮށްފައިކަމަށް ރާއްޖެއަށް ފިޔާ އެތެރެކުރާ ވިޔަފާރިވެރިން ބުނެއެވެ.

މާލޭ ބާޒާރުގައި ފިޔާާ ކިލޯއެްގެ އަގު މިއަދު އުޅެނީ 50 ރުފިޔާ އާއި 60 ރުފިޔާ އާއި ދޭތެރޭގައެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު ވަނީ 1000 ރުފިޔާއަށް ވުރެ ބޮޑުވެފައެވެ.