ކުޅިވަރު

އަންހެން ޑަބަލްސްއިން ނަބާހާ އާއި ނަބީހާ ބްރޯންޒް މެޑަލް ހޯދައިފި


އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ލިނިން ސައުތް އޭޝިއަން އެކާވީސް އަހަރުން ދަށުގެ ރީޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ އަންހެން ޑަބަލްސްއިން ނަބާހާ ޢަބްދުލްރައްޒާގް އާއި ނަބީހާ ޢަބްދުލްރައްޒާގްގެ ޕެއާއިން ބްރޯންޒް މެޑަލް ހޯދިއިރު އަންހެން ސިންގަލްސްއިންވެސް ނަބީހާ ބްރޯންޒް މެޑަލް ހޯދައިފިއެވެ.

އަންހެން ސިންގަލްސްއިން ނަބީހާއަށް ތިންވަނަ ލިބުނީ މުބާރާތުގެ ސެމީގައި އިންޑިއާގެ ދީޕްޝިކާ ސިންގް އަތުން ބަލިވުމުންނެވެ. މެޗުގެ ސެޓުތަށް އިންޑިއާގެ ދީޕްޝިކާ ސިންގް ގެންދިޔައީ 21-14 އަދި 21-11 އިންނެވެ. މިބައިގެ ސެމީއަށް ނަބީހާ ދަތުރުކުރީ ކުއާޓާގައި ޕާކިސްތާނުގެ މެހްވިޝް ޚާން ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. އެމެޗުގެ ސެޓުތަށް ނަބީހާ ގެންދިޔައީ 21-14 އަދި 21-10 އިންނެވެ.

އަންހެން ޑަބަލްސްގެ ބައިން އެއްމާބަނޑު ދެބެންނަށް ތިންވަނަ ލިބުނީ ސެމީގައި ވަރުގަދަ އިންޑިއާގެ ދީޕްޝިކާ އާއި މަންސީ ސިންގް އަތުން ބަލިވުމުންނެވެ. މިބައިގެ ސެމީއިން ނާބާހާ އާއި ނަބީހާގެ ޕެއާއަށް ޖާގަ ލިބުނީ އަންހެން ޑަބަލްސްގެ އެއްވަނައަށް ނަބާހާ އާއި ނަބީހާގެ ޕެއާ ސީޑް ކުރެވިގެންނެވެ. ސެމީގައި އިންޑިއާގެ ޕެއާއަތުން ނަބާހާ އާއި ނަބީހާގެ ޕެއާ ބަލިވީ 21-19 އަދި 21-14 އިންނެވެ.

މިމުބާރާތުން ނަބީހާ ދެ މެޑަލް ހޯދިއިރު އޭނާ ވަނީ މިއަހަރުގެ މޮރީޝަސް ސީރީޒްއިން އަންހެން ޑަބަލްސްއިން ބްރޯންޒް މެޑަލް ހޯދާފައެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން އަންހެން ޑަބަލްސްއިން ރިހި މެޑަލް ހޯދިއިރު އެމުބާރާތުގެ އަންހެން ސިންގަލްސްއިން އޭނާ ވަނީ ރަންމެޑަލް ހޯދާފައެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް ނަބީހާ ވަނީ ފަސް އިންޓަނޭޝަނަލް މެޑަލް ހޯދާފައެވެ. އަދި އޭނާގެ އެއްމާބަނޑު ދައްތަ ނަބާހާ ވަނީ މިއަހަރުގެ ތެރޭގައި މިހާތަނަށް ތިން އިންޓަނޭޝަނަލް މެޑަލް ހޯދާފައެވެ.