ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ "ޑިޕްލޮމެޓިކް އެންކްލޭވް"އިން ޗައިނާގެ އެމްބަސީއަށް ބިން ދޫކުރުމުގެ ލިޔުން އެޤައުމުގެ ސަފީރާ ޙަވާލުކޮށްފިއެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްބަސީގެ ބިން ޙަވާލުކުރިކަމުގެ ލިޔުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒޭންގ ލީ ޒޮންގްއާ ޙަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެެ. ޑިޕްލޮމެޓިކް އެންކްލޭވެއްގެ ގޮތުގައި ވަކި ސަރަޙައްދެއް ކަނޑައަޅައި، ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް އެސަރަހައްދުގައި ޤާއިމްކުރުމަށް ނިންމާފައިވަނީ އެހެން ގިނަ ޤައުމުތަކެއްގައިވެސް އެކަން ކުރާ އުޞޫލުން އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަޔަކަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް ޤާއިމްކުރެވެނީ މާލޭއަކީ މިހާރުވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވުމާއިއެކު ރާއްޖޭގައި ކުރިއަށް އޮތްތަނުގައިވެސް ގިނަ ޤައުމުތަކެއްގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުވޭއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެތީކަމަށް ފޮރިން މިނިސްޓްރީން މައުލޫމަތުދެއްވިއެވެ.
ހުޅުމާލޭ ޑިޕްލޮމެޓިކް އެންކްލޭވްއިން މިހާތަނަށް ބިން ދޫކޮށްފައިވަނީ އިންޑިޔާއާ ބަންގްލަދޭޝް އަދި ސްރީލަންކާގެ އެމްބަސީ ޤާއިމްކުރުމަށެވެ. މިހާރު ބިން ދޫކޮށްފައިވާ ޤައުމުތަކުގެ ތެރެއިން އިންޑިއާ އެމްބަސީ އެޅުމަށް ދޫކުރި ބިމުގައި މިހާރުވަނީ ބިންގާ އަޅާފައެވެ. މިދިޔަ ސެޕްޓޭމްބަރު މަހުގެ 4ވަނަ ދުވަހު އިންޑިއާ އެމްބަސީގެ ބިންގާ އަޅުއްވާދެއްވީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ.ސުބުރަމާނިއަމް ޖަޔަޝަންކަރާއި ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރުމުގައި ޢަމަލުކުރާނީ "ރެސިޕްރޯސިޓީ" އުޞޫލުން، އެމްބަސީތަކުން އެދެމުންދާ ވަރަކުންކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.