ވިޔަފާރި

6000 މީހުން އިންކަމް ޓެކްސް ދައްކާނެކަމަށް ލަފާކުރެވޭ - ފިނޭންސް


އިންކަމް ޓެކްސް ނަގަން ފަށާއިރު 6000 މީހުން އިންކަމް ޓެކްސް ދައްކާނެކަމަށް ލާފާކުރެވޭކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ލީގަލް ކޮންސަލްޓެންޓް މަރިޔަމް ޝަވާދިން އަބްދުﷲ ވިދާޅުވީ އިންކަމް ޓެކްސް ނެގުމަށް ތައްޔާރުވަމުންދާއިރު މި ޓެކްސް ދައްކަންޖެހޭ ފަރާތްތައް އާބާދީއާ އަޅާބަލާއިރު ވަރަށް މަދުކަމަށެވެ. އަދި މީގެ ތެރޭގައި މިހާރުވެސް ބިޒްނަސް ޕްރޮފިޓް ޓެކްސް ދައްކަމުންދާ ފަރާތްތައް ހިމެނޭނެކަމަށެވެ. ނަމަވެސް މިއީ އާންމު ފަރުދުންނަށް އެއްވެސް ގެއްލުމެއް ކުރިމަތިވާނޭކަމެއް ނޫންކަމަށާއި އޭގެ ބަދަލުގައި ރާއްޖޭގެ ފަޤީރުންނާއި މުއްސަނދިންގެ ފަރަޤުކުޑަކޮށް ލިބޭ އާމްދަނީއަށް ޖަވާބުދާރީކުރުމަށް ފަސޭހަވެގެންދާނެކަމަށް ވެސް އޭނާ ޝަވާދިން ވިދާޅުވިއެވެ.

"އާންމު ވިޔަފާރިތަކަށާއި ފަރުދުންނަށް އިންކަމް ޓެކްސްއިން ލިބޭނެ ގެއްލުމެއް ނެތް. އެއީ ބީޕީޓީ ޓެކްސް ނިޒާމް މި ބަދަލުކުރެވެނީ އިންކަމް ޓެކްސް ނިޒާމްގެ ތެރެއަށް. ފަރުދުންގެ އަތުން އިންކަމް ޓެކްސް ނަގާއިރު މިއީ ފުދޭވަރަކަށް ކުޑަ ޕޫލްއެއް. އެއީ އަޅުގަނޑުމެން އަންދާޒާކުރާ ގޮތުގައި 6000 ފަރުދުން. މީގެ އިން މި ދައްކުވައިދެނީ ފަޤީރުންނާއި މުއްސަނދިންގެ ފަރަޤު." ޝަވާދިން ވިދާޅުވިއެވެ.

އިންކަމް ޓެކްސް ދައްކާނެކަމަށް ލަފާކުރެވޭ 6000 މީހުންގެ ތެރެއިން ސާޅީސް ހާހާއި ފަސްދޮޅަސް ހާސް ރުފިޔާގެ ދޭތެރޭގެ އާމްދަނީ ލިބޭ ދެހާސް ހަ ސަތޭކައެއްހާ މީހުން ރާއްޖޭގައި އެބަތިބިކަމަށް ފިނޭންސްއިން ލަފާކުރެއެވެ. އަދި ފަސްދޮޅަސް ހާހާއި ސަތޭކަ ހާހާއި ދެމެދުގެ އާމްދަނީ ލިބޭ ދެހާސް ދުއިސައްތައެއްގާ މީހުން ރާއްޖޭގައި ތިބިއިރު، ސަތޭކަ ހާހަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަދަދު އުޅެނީ ހާހަކާއި ގާތްކުރާ އަދަދެއްގައިކަމަށްވެސް ފިނޭންސްއިން ލަފާކުރެއެވެ.

މި މީހުންގެ ތެރެއިން ސާޅީސް ހާހާއި ފަސްދޮޅަސް ހާސް ރުފިޔާގެ އާމްދަނީ ލިބޭ މީހުން ދައްކަން ޖެހޭނީ އެންމެ ގިނަވެގެން ސޯޅަ ސަތޭކައެއްހާ ރުފިޔާއެވެ.

ފަސްދޮޅަސް ހާހާއި ސަތޭކަ ހާހާއި ދެމެދުގެ އާމްދަނީ ލިބޭ މީހުން ދައްކަން ޖެހޭނީ ގިނަވެގެން ފަސް ހާސް ހަ ސަތޭކަ ރުފިޔާއެވެ. އަދި ސަތޭކަ ހާހަށްވުރެ މަތިން އާމްދަނީ ލިބޭ މީހުން އެންމެ މަދުވެގެން ފަސް ހާސް ހަ ސަތޭކަ ރުފިޔާ މަހެއްގެ މައްޗަށް ދައްކަންޖެހޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އިންކަމް ޓެކްސްގެ ޤާނޫނާއިއެކު ދައުލަތުން ވަނީ 5 ބާވަތެއްގެ ޓެކްސް އުވާލުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ރެމިޓެންސް ޓެކްސްއާއި ލޭންޑް ސޭލްސް ޓެކްސް، ބިޒްނަސް ޕްރޮފިޓް ޓެކްސް، ބޭންކް ޕްރޮފިޓް ޓެކްސް އަދި ޕެޓްރޯލިއަމް ޓެކްސް ހިމެނެއެވެ.

ސަރުކާރުން މި ބާވަތުގެ ޓެކްސް އުވާލުމަށް ނިންމާފައިވަނީ ޕްރޮގްރެސިވް ޓޭކްސް ނިޒާމެއްގެ ތެރެއިން އިންކަމް ޓެކްސް ކުރިއަށްގެންދިއުމަށެވެ. ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގައި މިވަގުތު އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނީ މި ބާވަތުގެ ޓެކްސް ނިޒާމަކުންކަމަށެވެ. އެހެންނަމަވެސް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން ވަނީ ރާއްޖޭގައި ތަންފީޒުކުރަން ފެންނަނީ ޑުއެލް އިންކަމް ޓެކްސްކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. މި ބާވަތުގެ ޓެކްސްއަކީ އާމްދަނީގެ ނިސްބަތުން 2 ރޭޓަކަށް ނެގޭ ޓެކްސްއެކެވެ. އެއީ ލިބޭ އާމްދަނީ އިން ވަކި ރޭޓަކަށް ޓެކްސް ނެގުމަށްފަހު ސަރުކާރުން މުދަލުގެ އެހެން ބާވަތަކުން ވެސް ޓެކްސް ނެގުމެވެ. މިސާލަކަށް އިންކަމް ޓެކްސް ނެގުމާއެކު ވިޔަފާރީގެ ފައިދާއިން ވެސް ޓެކްސް ނެގުމެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޕްރޮގްރެސިވް ނިޒާމެއްގެ ތެރެއިން، އިންކަމް ޓެކްސް ނަގާނަމަ އަހަރެއްގެ މައްޗަށް 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބޭނެކަމަށެވެ.