ޚަބަރު

ހައިވޭގައި ކޮންކްރީޓް ޑިވައިޑަރު ޖެހުމުގެ މަސައްކަތްވަނީ ނިމިފައި - އެޗްޑީސީ


ބްރިޖާއި ހުޅުމާލެ ގުޅާލާ ހައިވޭގައި ކޮންކްރީޓް ޑިވައިޑަރު ޖެހުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި، ކޮންކްރީޓް ޑިވައިޑަރު ބަހައްޓާ ނިމިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ. އެޗްޑީސީން ބުނެފައިވަނީ ހައިވޭގެ 2 ކިލޯމީޓަރުގައި ކޮންކްރީޓް ޑިވައިޑަރު ބެހެއްޓުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. ކޮންކްރީޓް ޑިވައިޑަރަށް ބަދަލުކޮށްފައިވަނީ ހައިވޭގެ ހުޅުމާލެއާއިވީ ދިމާލުންނެވެ. އެޗްޑީސީން ބުނެފައިވަނީ ދެން ހައިވޭގެ އިތުރު ސަރަޙައްދެއްގައި ކޮންކްރީޓް ޑިވައިޑަރު ނުޖަހާނެކަމަށެވެ.

ހައިވޭގެ ބްރިޖާއި ދިމާލުގައި ހުންނަނީ ދަގަނޑު ފެންސް ޑިވައިޑަރު ޖަހާފައެވެ. އެޗްޑީދީން ބުނެފައިވަނީ މިހާރު އެއްވެސް ޕްލާސްޓިކް ޑިވައިޑަރެއް ހައިވޭގައި ނުހުނާނެކަމަށެވެ. އަދި މުޅި ހައިވޭގައި ދެކޮޅަށް ދުވޭ ލޭން ވަކިކުރުމަށް މިހާރު ޑިވައިޑަރުތައް ޖަހާފައި ހުންނާނެކަމަށެވެ.

ކޮންކްރީޓް ބޮލޮކަށް ޑިވައިޑަރުތައް ބަދަލުކުރުމަށް ނިންމީ ޕްލާސްޓިކް ޑިވައިޑަރުތައް ފަސޭހައިން ހަލާކުވާތީއެވެ. މި ކޮންކްރީޓް ބްލޮކްތަކަކީ ސައިޓްގައި ހަދައިގެން ގެނެސް ބަހައްޓާ ޑިވައިޑަރުތަކެވެ. އެޗްޑިސީން އެންމެ ފުރަތަމަ މި މަސައްކަތް ފެށީ ޕްލާސްޓިލް ޑިވައިޑަރުތައް ހަލާކުވެފައި ހުރި ސަރަޙައްދުތަކުގައި ބްލޮކްތައް ބެހެއްޓުމަށެވެ.

ހައިވޭގައި ކޮންކްރީޓް ޑިވައިޑަރު ބަހައްޓާތީ އެކަމުގެ ކަންބޮޑުވުންވެސް އާއްމުންވަނީ ފާޅުކޮށްފައެވެ. ހައިވޭއަކީ އެކްސިޑެންޓައް ގިނަ މަގަކަށްވުމުގެ ސަބަބުން ލިބޭ ލިބޭ ގެއްލުންތައް އިތުރުވާނެތީއެވެ. އެގޮތުން ދާދިފަހުންވެސް ކާރެއް ކޮންކްރީޓް ބްލޮކްގައި ޖެހި ހިނި އެކްސިޑެންޓްގައި ކާރަށްވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މީގެއިތުރުންވެސް ހައިވޭގައި ހިނގާފައިވާ އެކްސިޑެންޓްތަކުގައި މީހުންނަށާއި، އުޅަނދުތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

ހައިވޭގައި އަދިވެސް ބައެއް ކުދި މަސައްކަތްތައް އެޗްޑީސީން ގެންދަނީ ކުރަމުންނެވެ. އެގޮތުން ހައިވޭއަކީ ރޭގަނޑުވެސް ރައްކާތެރިކަމާއިއެކު ދުއްވޭ މަގަކަށް ހެދުމަށް މަގުގައި ރިފްލެކްޓަރު ޖެހުމާއި، ބައެއް ހިސާބުތަކުގައި ގަވައިދު ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މި މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށް އެޗްޑީސީން ބުނެއެވެ.