ކުޅިވަރު

ނިބާލް އާއި މާހާގެ އިތުރުން ނާބާހާ އަދި ނަބީހާ ކުއާޓަރ ފައިނަލަށް


ލިނިންގ ސައުތް އޭޝިއަން 21 އަހަރުން ދަށުގެ ރީޖަނަލް ޗެމްޕިއަންޝިޕްގެ އޯޕަން ކެޓަގަރީގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ނިބާލް އާއި މާހާގެ އިތުރުން ނާބާހާ އަދި ނަބީހާ، ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ކުއާޓަރ ފައިނަލުން އަހުމަދު ނިބާލް ޖާގަ ހޯދީ ރާއްޖޭގެ އަޙުމަދު ޝިފާއު އާއި އެކު ކުޅުނު ވާދަވެރި މެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތަށް ނިބާލް ގެންދިޔައީ 21-13 އަދި 21-19 އިންނެވެ.

މެންސް ސިންގަލްސްބައިން ނިބާލްގެ އިތުރުން މުޙައްމަދު އާކިފްވެސް ވާދަކުރިއެވެ. ނަމަވެސް އާކިފްއަށް ކުއާޓަރ ފައިނަލުން ޖާގަ ގެއްލުނީ އިންޑިއާގެ ސަރަތް ދުންނާއި އާއި ވާދަކުރި މެޗުން ބަލިވުމުންނެވެ. އާކިފް އާއި ދުންނާގެ ކުރިމަތިލުން ދުންނާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތަށް ދުންނާ ގެންދިޔައީ 21-5 އަދި 21-9 އިންނެވެ.

މުބާރާތުގެ އަންހެން ސިންގަލްސްބައިން ރާއްޖޭގެ ތިން ކުޅުންތެރިންވެސް ވަނީ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައެވެ. އައިމިނަތު ނަބީހާ އަބްދުލްރައްޒާގް ކުއާޓަރ ފައިނަލުން ޖާގަހޯދީ ނޭޕާލްގެ ޖެސިކާ ގުރުންގް އާއި ވާދަކުރި މެޗު 2 ސެޓް 1 ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-18 އިން ގެންދިޔައީ ޖެސިކާއެވެ. ނަމަވެސް ފަހު ދެ ސެޓުގައި ކުޅުން ރަގަނޅުކޮށް ނަބީހާ މެޗް ކާމިޔާބުކުރިއެވެ. ފަހު ދެ ސެޓު ނަބީހާ ގެންދިޔައީ 21-13 އަދި 21-8 އިންނެވެ.

ފާތިމަތު ނަބާހާ އަބްދުލްރައްޒާގް އަންހެން ސިންގަލްސްގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ޕާކިސްތާނުގެ އަމަލް މުނީބް ބަލިކޮށްގެންނެވެ. ނާބާހާ އާއި އަމަލް ވާދަކުރި މެޗު ނަބާހާ ކާމިޔާބުކުރީ 2ސެޓް 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-14 އިން ގެންދިޔައީ ނަބާހާ އެވެ. ދެވަނަ ސެޓު ފަހު ވަގުތު ލީޑު އަތުލައި 21-19 އިން އަމަލް ގެންދިޔައެވެ. ނަމަވެސް ތިންވަނަ ސެޓު 21-17 އިން ގެންގޮސް ނަބާހާ ކުއާޓަރ ފައިނަލްގެ ޖާގަހޯދިއެވެ.

އަންހެން ސިންގަލްސްގެ ކުއާޓަރ ފައިނަލުން މާޝާ ރަޝީދު ޖާގަ ހޯދީ ބޫޓާންގެ ޕުންތްޝޯ ޑޭމޯ އާއި ވާދަކުރި މެޗު 2 ސެޓް 1 ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-16 އިން ގެންދިޔައީ ޕުންތްސޯއެވެ. ނަމަވެސް ކުޅުން ރަގަނޅުކޮށް ފަސޭހަކަމާއިއެކު ފަހު ދެ ސެޓު މާޝާ ކާމިޔާބުކުރިއެވެ. ދެވަނަ ސެޓު 21-13 އިން ގެންދިޔައި އިރު ފަހު ސެޓު މާޝާ ކާމިޔާބުކުރީ 21-14 އިންނެވެ.

މުބާރާތުގެ އޯޕަން ކެޓަގަރީގައި ކުޅުނު މިކްސް ޑަބަލްސް މެޗު ކާމިޔާބުކޮށް ރާއްޖޭގެ އާކިފް އާއި މާޝާގެ ޕެއާއިންވެސް ކުއާޓަރ ފައިނަލްގެ ޖާގަހޯދިއެވެ. އާކިފް އާއި މާޝާގެ ޕެއާ ވާދަކުރީ ބޫޓާންގެ ޖަމްޔަންގް ޓެންޒިން އާއި ކިންލޭ ވަންގްމޯގެ ޕެއާ އާއިދެކޮޅަށެވެ. މިމެޗު އާކިފް އާއި މާޝާގެ ޕެއާއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތަށް އާކިފް އާއި މާޝާގެ ޕެއާއިން ގެންދިޔައީ 21-8 އަދި 21-14 އިންނެވެ.

މުބާރާތުގެ އޯޕަންސް ކެޓަގަރީގެ ކުއާޓާ ފައިނަލް މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.