ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް ފަނޑިޔާރުންގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި "ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް" ހުށަހަޅުއްވާފައިވާ އިސްލާހުތަކަށް މެންބަރުންގެ މެދުގައި ބަހުސް ކުރެއްވުމަށްފަހު ވަނީ ވޯޓަށް އަހާފައެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ.
ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުޢީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓުމާއި ޝަރުޢީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ޤާނޫނުގައި ކަނޑައެޅުއްވުމަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކެކެވެ. މި ބިލުގައި ފަނޑިޔާާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލުކޮށް، ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައްކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތައް ތަފްސީލުކޮށްފައިވެއެވެ. އަދި މާލީ ބަޔާން ހުށަހަޅަންޖެހޭ އުސޫލުތައް މުރާޖަޢާ ކުރުމަށްވެސް ވަނީ ބިލުގައި ހިމަނުއްވާފައެވެ.
މި ބިލުގައި ފަނޑިޔާރުން އައްޔަން ކުރައްވާފައިވާ ކޯޓުނޫން އެހެން ކޯޓަކަށް ބަދަލުކުރުމާއި، ވަގުތީގޮތުން އެހެން ކޯޓެއްގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުތައްވެސް އިތުރަށް ވަނީ ތަފްސީލުކުރައްވާފައެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މި އިސްލާހުގައިވާގޮތުން ފަނޑިޔާރުގެ މަގާމުގައި ހުންނަވާ އެއްވެސް ބޭފުޅަކު އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކޮށްގެން ނުވާނެއެވެ. އަދި ދައުލަތުގެ ބިން ގަތުމާއި، ކުއްޔަށް ހިފުމާއި، ދައުލަތާއި އެހެން ފަރާތަކާ ދެމެދު ވެވޭ މުއާމަލާތެއްގައި ސީދާގޮތުންވެސް ނުސީދާގޮތުންވެސް މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށްވެސް ވަނީ ބަޔާންކުރައްވާފައެވެ.
މި އިސްލާހުގެ ދަށުން ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ކަނޑައެޅިފައިނުވާނަމަ އެކަން ކޯޓުގެ އިސް ފަނޑިޔާރާއި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަންގަންވާނެއެވެ. މިހާރު ޤާނޫނުގައި ވާގޮތުން 6 މަސް ދުވަހުގެ ތެރޭގައި އަންގަންޖެހެނީ ހަމައެކަނި ކޯޓުގެ އިސް ފަނޑިޔާރަށެވެ.
މިހާރު ޤާނޫނުގައި އެއް ބާބެއްގެ ގޮތުގައި އޮތް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތައް ވަކިކޮށް، އިތުރަށް މި އިސްލާހުގައި ވަނީ ތަފްސީލުކޮށްފައެވެ.
ފަނޑިޔާރުންގެ ޤާނޫނުގައި މިހާރު އޮންނަގޮތުން ކޮންމެ ފަނޑިޔާރަކު މާލީ ބަޔާންތައް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންޖެހޭނީ އަހަރަކު އެއް ފަހަރުއެވެ. ނަމަވެސް މިހާރު ހުށަހަޅުއްވާފައިވާ އިސްލާހުގައިވާގޮތުން ފަނޑިޔާރުން މަގާމާ ހަވާލުވާއިރު މިލްކިއްޔާތުގައި ހިމެނޭތަކެތީގެ މާލީ ބަޔާން، މަގާމާ ހަވާލުވެވަޑައިގަންނަވާތާ 3 މަސް ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭނެއެވެ. އަދި ކޮންމެ އަހަރަކު ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ފާއިތުވި އަހަރުގެ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ.
މީގެ އިތުރުން ފަނޑިޔާރުން މަގާމުން ވަކިވާނަމަ، ވަކިވާތާ 3 މަސް ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ބަޔަންކުރައްވާފައިވެއެވެ.
މާލީ ބަޔާން ހުށަހަޅާއިރު ފަނޑިޔާރާއި ފަނޑިޔާރު ކައިވެނިކޮށްގެން އުޅޭ މީހާއާއި، ބެލުމުގެ ދަށުގައިވާ ދަރިންނާއި ސީދާ ބެލުމުގެ ދަށުގައި ތިބޭ އެހެން މީހުންގެ މާލީ ހިސާބުތައްވެސް ހުށަހަޅަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ.