ޚަބަރު

ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ހަމަޖައްސައިފި


  • ލޯކަލް އެމްބެސެޑަރަކަށް ވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައި

  • ފުރަތަމަ އެމްބެސެޑަރަކަށް ހަމަޖެއްސީ "ޓޫ އޮފް އަސް"

ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް "ޓޫއޮފް އަސް" ބޭންޑް ހޮވައިފިއެވެ. ވިޒިޓް މޯލްޑިވްސްއިން މިހާރު ވަނީ ލޯކަލް އެމްބެސެޑަރަކަށްވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މޯލްޑިވްސް ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމް ތައާރަފްކުރުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެއަކީ ސަގާފީގޮތުން ތަނަވަސް މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ދިވެހި ފަންނާނުންނާއި އުފެއްދުންތެރިން ބައިވެރިކޮށްގެން ބާރުވެރިކުރުވުންކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް ހަމަޖައްސާފައިވަނީ "ޓޫ އޮފް އަސް"އެވެ. އެމްއެމްޕީއާރުސީން ވިދާޅުވީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ އަދި ފްރާންސްގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕާރފޯމަންސްތައް ހިމެނޭހެން ހުރިހައި ޝޯއަކާއި އިވެންޓެއްގައި މި ބޭންޑުން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރަމުންދާނެކަމަށެވެ.

މީގެއިތުރުން ސެޕްޓެމްބަރ މަހު "ބްރިޓަންސް ގޮޓް ޓެލެންޓް 19" ގައި އޮޑިޝަންގައި ބައިވެރިވުުމުގެ ފުރުސަތުވެސް ޓޫ އޮފް އަސްއަށް ވަނީ ލިބިފައެވެ. މި ހުރިހައި ޤައުމެއްގައިވެސް އެ ބޭންޑުން ރާއްޖެ އިޝްތިހާރުކުރާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ވިދާޅުވެފައެވެ.

ޓޫ އޮފް އަސް އެމްބެސެޑަރަކަށް ހަމަޖެއްސި ނަމަވެސް އަދިވެސް އިތުރު ލޯކަލް އެމްބެސެޑަރުން ހަމަޖައްސާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ވިދާޅުވެފައެވެ. މި ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމަކީ ޑެސްޓިނޭޝަން އިނިޝިއޭޓިވްސް ފުޅާކޮށް ރާއްޖެ ފަތުރުވެރިންނަށް އިޝްތިހާރުކުރުމާއި ލޯކަލް ކްރިއޭޓިވް ކޮމިއުނިޓީއާއި ދެމެދު ގުޅުންބަދަހިކުރުމަށް އެ ކުންފުނިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ މިއުޒިކް، ވިޝުއަލް އާރޓްސް، ފޮޓޯގްރަފީ، ފިލްމް، ލިޔުންތެރިކަން، ޕާރޕޯމަންސް އަދި ޑިޖިޓަލް މީޑިއާ ފަދަ ގިނަ ދާއިރާތަކުގެ އުފެއްދުންތެރި ވިސްނުމަށް މި އިނިޝިއޭޓިވްއިން މަރުހަބާ ކިޔާކަމަށެވެ. އެމްއެމްޕީއާރުސީގެ އަމާޒަކީ ސަގާފީ އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖޭގެ ފަންނާނުންނަށް ހޯދައިދީ ރާއްޖޭގެ ހަގީގީ ވާހަކަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންނަށް ހިއްސާކޮށް ދިވެހި ހުނަރުވެރިންގެ އަގު ވަޒަންކުރުމެވެ.